ހަބަރު

މުހުސިން ދޫކޮށްލި މައްސަލަ އަނެއްކާވެސް އިސްތިއުނާފުކޮށްފި

ކުރީގެ ޕީޖީ މުހުތާޒު މުހުސިން ދޫކޮށްލި މައްސަލަ އަނެއްކާ ވެސް ހައިކޯޓުގައި އިސްތިއުނާފު ކޮށްފި އެވެ. މިއީ މުހުސިންގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރި ދެވަނަ ފަހަރެވެ. މީގެ ކުރިން ވެސް މުހުސިން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފުކޮށްފައިވެ އެވެ.

އެފަހަރު ހައިކޯޓުން ނިންމީ މުހުސިން ބަންދުކުރުމަށެވެ. ހައިކޯޓުން މުހުސިންގެ ބަންދަށް ޖެހީ 15 ދުވަހެވެ. އެ 15 ދުވަސް ހަމަވެ، އިއްޔެ ކްރިމިނަލް ކޯޓަށް ބަންދުގެ މުއްދަތު އިތުރުކުރުމަށް ހާޒިރުކުރުމުން މުހުސިން ވަނީ ދޫކޮށްލާފަ އެވެ. ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލުމަށް ނިންމީ ދައުވާކުރަން ޕީޖީއަށް ފޮނުވާފައިވާތީ އިތުރަށް ބަންދުގައި ބެހެއްޓުމަށް ނުފެންނާތީ އެވެ.

މުހުތާޒުގެ މައްޗަށް ހައިކޯޓުން ކުރިން އިއްވި ހުކުމުގައި ބުނެފައިވަނީ، ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހްތާޒް މުހުސިން ހައްޔަރުކުރި މައްސަލައިގައި ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިތަކުގެ މައްޗަށް ބަލާއިރު، މައްސަލާގައި ތުހުމަތުކުރެވޭ މުހްތާޒް އިތުރު ބަޔަކާއި ބައިވެރިވެގެން ކޯޓު އަމުރެއް ނެރެގެން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ހައްޔަރުކޮށް ވެރިކަން ވައްޓާލުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި ރައީސް ހައްޔަރުކުރުމަށް ކޯޓު އަމުރު ހޯދުމަށްޓަކައި 2016 ފެބުރުވަރީ 7 ދުވަހުގެ ދަންވަރު 12:45 އެހައިކަށްހައިރު، ލޯންޗެއްގައި މާލެއިން ފުރައިގެން އދ. މާމިގިއްޔަށް ގޮސް އެރަށު ކޯޓުގެ އިސް މެޖިސްޓްރޭޓާ ގުޅިގެން، އެކޯޓު ހުޅުވައިގެން ރައީސުލްޖުމްހޫރިއްޔާ ޔާމީން ހައްޔަރުކުރުމުގެ އަމުރު ހޯދުމަށް މަސައްކަތްކޮށްފައިވާކަމުގެ ތުހުމަތުކުރެވޭ ކަމަށް ވެސް ހުކުމުގައިވެ އެވެ.

ހުކުމުގައި "މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓު"ގެ ނަމުގައި އޮތް ކޯޓު އަމުރުގައި ހައްޔަރުކުރުމަށް އޮތް ގ. ދޫވެހި/ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަކީ ދިވެހިރާއްޖޭގެ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ކަމާއި، ދިވެހިދައުލަތުގެ އެންމެމަތީ ވެރިޔަކީ، އަދި ސަރުކާރުގެ އެންމެމަތީ ވެރިޔަކީ އަދި ސިފައިންގެ އެންމެ މަތީވެރިޔަކީ، ރައީސުލްޖުމްހޫރިއްޔާ ކަމާއި، ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނުއަސާސީއާއި ގާނޫނުން މުހިއްމު މަސްއޫލިއްޔަތުތަކެއް މަތިކޮށްފައިވާކަމާއި، އެގޮތުން ދިވެހިދައުލަތުގެ މިނިވަންކަމާއި ސަލާމަތާއި ރައްކާތެރިކާއި ސިޔާދަތާއި އިސްތިގްލާލާ ގުޅުން ހުރި މުހިއްމު ނިންމުންތައް ނިންމުމުގެ އެންމެއިސް މަސްއޫލިއްޔާތު ހަވާލުކޮށްފައިވާ ފަރާތްކަން އެނގޭއިރު، ގާނޫނާއި ހިލާފަށް ކޯޓު އަމުރެއް ތައްޔާރުކޮށް އެއަމުރަކީ ސައްހަ އަމުރެއްކަމުގައި ދައްކައިގެން ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ގާނޫނުއަސާސީއާއި ގާނޫނުތަކުން ލާޒިމްކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާ ކުރުމަށް ހުރަސް އެޅޭފަދަ ގޮތަކަށް ގާނޫނާއި ހިލާފަށް މަސައްކަތް ކުރުމަކީ ދިވެހިދައުލަތުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަށް ނުރައްކާކުރިމަތިވުމުގެ ފުރުސަތު އޮތް އަދި މުޖްތަމައުގެ ހަމަޖެހުމާއި ސަލާމަތާއި ރައްކާތެރިކަން ގެއްލި ދައުލަތުގެ ނިޒާމް އާންމަށް ބުރޫއަރައިގެން ދިއުމުގެ އިހުތިމާލު އޮތްކަމެއްކަމަށް ގަބޫލުކުރެވޭ ކަމަށް ބުނެފައިވެ އެވެ.