އިލެކްޝަންސް ކޮމިޝަން

މެންބަރުންގެ ހިޔާލުތަފާތުވުންތައް ހައްލުކޮށްފިން: އީސީ

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރުންގެ މެދުގައި ހިޔާލުތަފާތުވުން އުފެދި މިދިޔަ މަހު ދިމާވި މައްސަލަތައް ހައްލުކޮށް އެކަން ތަކުރާރުނުވާ ގޮތަށް ކަންކަން އިންތިޒާމުކޮށްފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

"ދަ ޑިމޮކްރެޓްސް" އުފެއްދުމަށް ހުއްދަ ދިނުމާއިގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަންގެ މެންބަރުންގެ މެދުގައި މިދިޔަ މަހު ހިޔާލު ތަފާތުވުން އުފެދުނެވެ. އެގޮތުން ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު މަސައްކަތް ކުރައްވަނީ ނުފޫޒެއްގެ ދަށުގައި ހުންނަވައިގެން ކަމަށް ކޮމިޝަންގެ ދެ މެންބަރުން ކަމަށްވާ މުހައްމަދު އާސިފު އާއި އަލީ ނަޝާތު ތުހުމަތު ކުރެއްވި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ ސިޔާސީ ޕާޓީއެއް އުފެއްދުމާއި ގުޅޭ ޖަލްސާއެއްގައި ކޮމިޝަންގެ މެންބަރުން ހުށަހެޅި ކަންކަމާއި ރިޔާސަތުން ހުށަހެޅި ކަންކަމާމެދު ހިޔާލުތަފާތުވުން އުފެދުނު ކަމަށެވެ. މިއީ އަލަށް ދިމާވި ކަމެއްކަން ފާހަގަކޮށް ހަބީބު ވިދާޅުވީ ހިނގި ކަންކަމުގެ ސަބަބުން ކޮމިޝަންގެ މެންބަރުންނާއި މުވައްޒަފުންގެ ތެރޭގައި ނުތަނަވަސްކަން އުފެދުނު ކަމަށެވެ.

"އެރޭގެ ކުއްލި ޖަލްސާ އަޅުގަނޑުމެން އެންމެ ހިތްހަމަޖެހޭ ގޮތަކަށް ނޫން،" ހަބީބު ވިދާޅުވި އެވެ.

ހަބީބު ވިދާޅުވީ އެ ޖަލްސާގެ ފަހުން އެފަދަ ކަމެއް ނުހިނގާ ކަމަށާއި ކޮމިޝަންގެ ރައީސް ފުއާދު ތައުފީގަށް އިތުބާރު އެބަ އޮތް ކަމަށެވެ.

"އަޅުގަނޑުމެންނަށް އެއްބަސްވެވިފައި މިއޮތީ ދެން އެކަހަލަ ކަމެއް ނުވާނެ ކަމަށް،" ހަބީބު ވިދާޅުވި އެވެ.

ހަބީބު ވިދާޅުވީ ކޮމިޝަންގެ މެންބަރުން މަސްއޫލިއްޔަތު އަދާކުރައްވާ ކަމަށާއި ކޮމިޝަންގެ ޖަލްސާތަކާއި މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަންގެ މެންބަރުންގެ ތެރެއިން ބައިވެރިވެވަޑައިގެންނެވީ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު އާއި ނައިބު ރައީސް އިސްމާއީލް ހަބީބު އެވެ. މި ނޫސްވެރިންގެ ބައްދަލުވުމުގައި ދެން ބައިވެރިވެވަޑައިގެންނެވީ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ އެވެ.

ކޮމިޝަންގެ މެންބަރުންގެ ތެރެއިން އަލީ ނަޝާތު އާއި މުހައްމަދު އާސިފު އަދި ޑރ. މުހައްމަދު ޒާހިރު މި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވަ އެވެ. އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި ޑރ. ޒާހިރު ހުންނެވީ ކޮމިޝަންގެ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރުގަ އެވެ.