އިލެކްޝަންސް ކޮމިޝަން

އޮންލައިން ރީ-ރެޖިސްޓްރޭޝަނަށް ލިބޭނީ ދެ ހަފުތާ

ރިޔާސީ އިންތިހާބުގައި ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށް ރީ-ރަޖިސްޓާވުމަށް ހުޅުވާލާ ފުރުސަތުގައި އޮންލައިންކޮށް ރީ-ރަޖިސްޓާވުމަށް ލިބޭނީ ދެ ހަފުތާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.

ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް އީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލާނީ މިމަހުގެ 16 ވަނަ ދުވަހުން އޮގަސްޓް ފަސް ވަނަ ދުވަހަށް ކަމަށެވެ.

ރީ-ރަޖިސްޓްރޭޝަނަށް ޖުމްލަ ތިން ހަފުތާ ހުޅުވާލި ނަމަވެސް އޮންލައިންކޮށް ރީ-ރެޖިސްޓާވުމަށް ލިބޭނީ ދެ ހަފުތާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ. އޮންލައިންކޮށް ރީ-ރެޖިސްޓާވުމުގެ ފުރުސަތު ހަމަވާނީ މިމަހުގެ 29 ވަނަ ދުވަހު އެވެ.

އޮންލައިންކޮށް ރީ-ރެޖިސްޓާވުމުގެ ފުރުސަތު ހަމަވި ނަމަވެސް އޮގަސްޓް ފަސްވަނަ ދުވަހުގެ ނިޔަލަށް ފޯމު ހުށަހަޅައިގެން ރީ-ރަޖިސްޓާވެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ.

"އެ މުއްދަތުގައި ރީ-ރަޖިސްޓާ ނުކުރާނަމަ އަޅުގަނޑުމެންނަށް ގޮތެއް ހޯދައިނުދެވޭނެ،" ފުއާދު ވިދާޅުވި އެވެ.

ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ވޯޓުލި މީހުން އަންނަ ރިޔާސީ އިންތިހާބުގައި މާލެ ސަރަހައްދުގައި ވޯޓުލުމަށް ރީ-ރަޖިސްޓާވާން ނުޖެހޭނެ ކަމަށް ފުއާދު ވިދާޅުވި އެވެ.

ފުއާދު ވިދާޅުވީ ހުޅުމާލެ އަދި ވިލިމާލޭގައި އުޅޭ މީހުން ބޭނުންނަމަ މާލޭގައި ވޯޓުލުމަށް ރީ-ރަޖިސްޓާވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.