އިލެކްޝަންސް ކޮމިޝަން

އޮފިޝަލުން ތަމްރީނުކުރަން ޓްރެއިނަރުން ތައްޔާރުކުރަނީ

ރިޔާސީ އިންތިހާބުގައި މަސައްކަތްކުރާ އޮފިޝަލުން ތަމްރީނުކުރަން ޓްރެއިނަރުން ތައްޔާރުކުރަން ފަށައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި ޓްރެއިނަރުން ތަމްރީނުކުރުން ކުރިއަށްދާނީ މިއަދުން ފެށިގެން މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށެވެ.

ޓްރެއިނަރުން ތަމްރީނުކުރުން ކުރިއަށްދާނީ އިންތިހާބާބެހޭ މަރުކަޒު -- ދަރުބާރުގޭގައި ހެނދުނު 8:00 އިން ހަވީރު 6:00 އަށެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އޮފިޝަލުންގެ ގޮތުގައި ހޯދަން ބޭނުންވާ 5،559 ޖާގައަށް މީހުން ހޯދަން އިއުލާނުކުރީ މިއަހަރުގެ އެޕްރީލް މަހު އެވެ.

ރިޔާސީ އިންތިހާބުގައި ވޯޓުލާ ދުވަހު އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވާ މީހުންނަށް އެލަވަންސް ދިނުމަށް ހަމަޖެހިފައިވާ ގޮތްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ހާމަކޮށްފަ އެވެ. އެގޮތުން ވޯޓުލާ މަރުކަޒުގެ ވެރިޔާއަށް 1،500 ރުފިޔާ، ވޯޓުލާ މަރުކަޒުގެ ވެރިޔާގެ އެހީތެރިޔާއަށް 1،200 ރުފިޔާ، ވޯޓުލާ މަރުކަޒުގެ އޮފިޝަލުންނަށް 1،000 ރުފިޔާ އަދި ރިޒާވް އޮފިޝަލުންނަށް 500 ރުފިޔާ ދިނުމަށް ހަމަޖެހިފައިވެ އެވެ.

އުޖޫރައިގެ އިތުރުން ވޯޓުލާ ދުވަހު އޮފިޝަލުންނަށް ކެއުމުގެ އިންތިޒާމު ހަމަޖައްސައިދޭނީ އިލެކްޝަންސް ކޮމިޝަނުންނެވެ. އަދި ވޯޓުލާ މަރުކަޒާ ހަވާލުވެ ހުންނަ އެންމެ އިސް އޮފިޝަލަށް 100 ރުފިޔާގެ ފޯން އެލަވަންސެއް ދިނުމަށްވެސް ނިންމާފައިވެ އެވެ. މީގެއިތުރުން އޮފިޝަލުން އިންތިހާބާ ގުޅޭ ތަމްރީން ފުރިހަމަކުރުމުން އިތުރުން 300 ރުފިޔާ ދިނުމަށްވެސް ހަމަޖެހިފައިވެ އެވެ.

ރިޔާސީ އިންތިހާބު މިއަހަރުގެ ސެޕްޓެމްބަރު ނުވަވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު 604 ވޯޓު ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވެ އެވެ. ދެވަނަ ބުރެއްގައި ވޯޓުލާން ޖެހިއްޖެނަމަ ވޯޓުލުން އޮންނާނީ ސެޕްޓެމްބަރު 30 ވަނަ ދުވަހު އެވެ.