ގާސިމް އިބްރާހިމް

މަޑުން މިތިބީ ޔަގީންކަން ނެތިގެނެއްނޫން: ގާސިމު

ރިޔާސީ އިންތިހާބަށް މަސައްކަތްނުކޮށް ތިބީ ޔަގީންކަން ނެތުމުން ނޫން ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމު އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބަށް ކެންޑިޑެންސީ ހުށަހެޅުމަށް ހުޅުވާލުން ކައިރިވެފައިވާކަން ފާހަގަކުރައްވާ ގާސިމު ވިދާޅުވީ ރިޔާސީ އިންތިހާބަށް ކުރަންޖެހޭ ކަންކަން ޕާޓީން ކުރަމުންދާ ކަމަށެވެ.

‏"އަޅުގަނޑުމެން ކެންޑިޑެންސީ ލީމަ، ބަލައިގަންނަ ކަމެއް، ނުގަންނަ ކަމެއްވެސް އެނގޭނީ ލީމާ. އެކަމާއި ބާރަށް ނޫޅެވިފައި މިތިބެނީ ޔަގީންކަން ނެތީމާއެއް ނޫން. ޔަގީންކަން އެބައޮތް،" ގާސިމު ވިދާޅުވި އެވެ.

ގާސިމު ވިދާޅުވީ އެމަނިކުފާނުގެ ކެމްޕޭން މެނޭޖަރުންގެ ގޮތުގައި އުތުރާއި ދެކުނަށް ހަމަޖެއްސެވި ދެ މެނޭޖަރުންވެސް ކެމްޕޭން މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ކޮންމެހެން މިބާވަތުގެ ކަމެއްގައި އިސްނެގުމަކީ މޮޅުވުމެއްވެސް ނޫން. އެހެން މުސްކުޅިންވެސް ބުނެެއުޅޭ. ވިސްނުންތެރިކަމާއިއެކު ކަމެއް ކުރީމަކަން މޮޅުކަމަކަށް މިވަނީ،" ގާސިމު ވިދާޅުވި އެވެ.

އިރާދަކުރެއްވިއްޔާ އަންނަ ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވާނެ ކަމަށާއި އެކަމުގައި ޝައްކެއް ނެތް ކަމަށްވެސް ގާސިމު ވިދާޅުވި އެވެ.

އަންނަ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވަކިން ވާދަކުރުމަށް ނިންމީ އެ ޕާޓީގެ ގައުމީ ކޮންފަރެންސްގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

ޖޭޕީން ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމުމާ ގުޅިގެން އެ ޕާޓީގެ ރިޔާސީ ޓިކެޓަށް ޝައުގުވެރިވާ ބޭފުޅުންނަށް މިދިޔަ މާޗް 16ގައި ފުރުސަތު ހުޅުވާލުމުން ޓިކެޓަށް ކުރިމަތިލެއްވީ ގާސިމް އިބްރާހީމް އެކަންޏެވެ.

ޖޭޕީގެ ރިޔާސީ ޓިކެޓް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ރަސްމީކޮށް އެރުވީ ޖޫން މަހުގެ ނުވަ ވަނަ ދުވަހުގެ ރޭ އެވެ.