ޓޫރިޒަމް

އެއް މިލިއަން ވަނަ ފަތުރުވެރިޔާ މާދަމާ އަންނަނީ

ރާއްޖެއަށް މިއަހަރު އަންނަ އެއް މިލިއަން ވަނަ ފަތުރުވެރިޔާ މާދަމާ އަންނާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ލަފާކުރާ ގޮތުގައި އެއް މިލިއަން ވަނަ ފަތުރުވެރިޔާ މާދަމާ މެންދުރު 12:30ގެ ކުރިން ރާއްޖެ އަންނާނެ އެވެ.

ރާއްޖެއަށް މިއަހަރު އަންނަ އެއް މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމުގެ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ނިންމާފަ އެވެ.

މިދިޔަ އަހަރު ރާއްޖެއަށް އެއް މިލިއަން ވަނަ ފަތުރުވެރިޔާ އައީ އޮގަސްޓް 12 ވަނަ ދުވަހު އެވެ.

ރާޢްޖެއަށް މިއަހަރު 1.8 މިލިއަން ފަތުރުވެރިން ގެނައުމަކީ ސަރުކާރުގެ އަމާޒެކެވެ.

އެންމެ ގިނަ ރާއްޖެއަށް ފަތުރުވެރިން އަންނަނީ އިންޑިއާ އާއި ރަޝިއާއިންނެވެ. މިއިން ކޮންމެ ގައުމަކުން ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން މިއަހަރުގެ މިހާތަނަށް ރާއްޖެ އައިސްފައިވެ އެވެ.