އެކި ވިޔަފާރިތަކާއި ކުންފުނިތަކާ އަދި ތަފާތު އެކި ނަންނަމުގައި މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތައް ހުށަހެޅޭ އަދަދު އަނެއްކާވެސް އިތުރުވެފައިވާ އެކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ މަކަރާއި ހީލަތުން ފައިސާ ހޯދުމަށްޓަކައި ފޭސްބުކް، އިންސްޓަގްރާމް ނުވަތަ މިނޫނަސް ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ތަފާތު ޕޭޖުތައް ހަދައި ޕޯސްޓުތައް ޝެއާ ކުރަމުންދާ ކަމަށެވެ. އަދި އެކި ކަހަލަ މުދާ އޮންލައިންކޮށް ވިއްކުމުގައިވެސް މަކަރާއި ހީލަތުން ފައިސާ އަތުލާ މައްސަލަތައް ހުށަހަޅަމުންދާ ކަމަށް ބުންޏެވެ.
ފުލުހުން ބުނީ އެކި މީހުންނަށް ގުޅައި ދަންނަ ރަހުމަތްތެރިއެއް ކަމަށް ހެދިގެން، ހީލަތްތެރިޔާގެ އާއިލާ މީހަކު ނުވަތަ ރައްޓެއްސަކު ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން އުޅޭ ކަމަށާއި ހޮސްޕިޓަލުން ޑިސްޗާޖު ކުރުމަށްޓަކައި ވަރަށް އަވަހަށް ފައިސާ ދައްކަން ޖެހޭ ކަމަށް ބުނެ އަނބުރާ ދައްކާ ގޮތަށް ބައެއް މީހުން ފައިސާ ދިނުމަށް އެދޭ ކަމަށެވެ. އަދި ހީލަތްތެރިޔާގެ އަތުގައި ހުރީ، ބެންކް އޮފް މޯލްޑިވްސް ނޫން އެހެން ބެންކެއްގެ އެކައުންޓެއްގައި ހުރި ޔޫއެސް ޑޮލަރު ކަމަށާއި، އެ ބެންކު މެދުވެރިކޮށް ފައިސާ ފޮނުވިކަން ދެއްކުމުގެ ގޮތުން ފައިސާ ޓްރާންސްފަ ކުރިކަމުގެ ސައްހަ ނޫން ސްލިޕް ފޮނުވުމަށް ފަހު މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތައް ހުށަހަޅާފައިވާ ކަމަށް ބުނެ އެވެ.
މިނޫނަސް އެކި ކަހަލަ ވާހަކަތައް ދައްކައިގެން އެކިއެކި ގޮތްގޮތަށް މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަންވެސް ފުލުހުންނަށް ފާހަގަވާ ކަމަށް ބުންޏެވެ.
"އެހެންކަމުން މަކަރާއި ހީލަތުގެ މިފަދަ ކޯލުތަކަށް ސަމާލުވެ ރައްކާތެރިވުމަށާއި، އޮންލައިންކޮށް ތަކެތި ގަންނަ އިރުވެސް އެ ވިޔަފާރި ކުރެވެނީ ރަނގަޅު ބައެއްގެ އަތުންތޯ ކަށަވަރު ކުރުމަށާ އަދި މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ އެކިކަހަލަ މައްސަލަތަކުން ރައްކާތެރިވުމަށް އިލްތިމާސްކުރަމެވެ." ފުލުހުން ބުނެފައިވެ އެވެ.