ގައުމީ ޔުނިވަސިޓީގެ ލެކްޗަރާ އަލީ ހަފީޒުގެ ގައިގައި ޖެހުނު ސައިކަލް ދުއްވަން އިން މީހާގެ ބަންދަށް ދެވަނަ ފަހަރަށް މުއްދަތު ޖަހައިފި އެވެ.
އެކްސިޑެންޓާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިމަހުގެ ތިންވަނަ ދުވަހުގެ ވަގުތެއްގައި ހައްޔަރުކުރީ 22 އަހަރުގެ ޝަމްއާން އަބްދުއްޝަކޫރެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ސައިކަލް ދުއްވި ޒުވާނާ އަތުގައި ލައިސަންސެއް ނޯވެ އެވެ.
މި މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިމަހުގެ ހަތަރު ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން ބަންދުގައި ބެހެއްޓުމަށް އެންމެ ފުރަތަމަ ދިނީ 15 ދުވަހެވެ. ބަންދާ މެދު ގޮތެއް ނިންމުމަށް ދެވަނަ ފަހަރަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ މި މީހާގެ ބަންދަށް އަނެއްކާވެސް 15 ދުވަސް ދީފަ އެވެ.
މިއެކްސިޑެންޓް ހިނގީ އަލީ ހަފީޒް މިދިޔަ މަހުގެ 28 ވަނަ ދުވަހު ފަތިސް ނަމާދުކޮށްގެން މަޖީދީ މަގުން ގެއަށް ދަނިކޮށް މާލޭގެ މަގުމަތިން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލުން ޖެހިގެންނެވެ. އެ ދުވަހަށްފަހު ހަފީޒަށް އޭޑީކޭގެ އައިސީޔޫގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މިހާރު ވަނީ އިންޑިއާއަށް ގެންގޮސްފަ އެވެ. އަދި އޭނާގެ ދެ ސާޖަރީއެއް ހަދައި މިހާރު ވެންޓިލޭޓަރުން ނަގާފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.