ޓޫރިޒަމް

ފަތުރުވެރިކަމުގެ އެއްވަނައަށް އަނެއްކާވެސް ރަޝިއާ

ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓުގެ އެއްވަނައަށް ރަޝިއާ އަނެއްކާވެސް އަރައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު ފަތުރުވެރިކަމުގެ މާކެޓުގެ އެއްވަނައިގައި އޮތް ރަޝިއާއިން މިއަހަރުގެ މިހާތަނަށް 119،405 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.

މިއީ މިއަހަރުގެ މިހާތަނަށް ރާއްޖެ އެއް މިލިއަން ފަތުރުވެރިންގެ 11.7 ޕަސަންޓެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓުގެ އެއްވަނައަށް މިއަހަރުގެ ޖެނުއަރީމަހުގެ ކުރީކޮޅު އެރި ރަޝިއާއިން އަންނަ ފަތުރުވެރިންގެ އަދަދު ދަށަށް ގޮސް މާކެޓުގެ ދެވަނައަށް ދިޔައީ ޖޫން މަހު އެވެ.

ފަތުރުވެރިކަމުގެ މާކެޓުގެ އެއްވަނައަށް އަލުން ރަޝިއާ އަރާފައިވާއިރު ދެވަނައިގައި އޮތް އިންޑިއާއިން އައީ 118،638 ފަތުރުވެރިންނެވެ.

ޓޫރިޒަމް މާކެޓުގެ ތިންވަނައިގައި އޮތް އިނގިރޭސިވިލާތުން 85،884 ފަތުރުވެރިން މިއަހަރުގެ މިހާތަނަށް ރާއްޖެ އައިސްފައިވާއިރު ހަތަރުވަނައިގައި އޮތް ޗައިނާއިން އައީ 80،769 ފަތުރުވެރިންނެވެ.

މާކެޓުގެ ފަސް ވަނައިގައި އޮތް ޖަރުމަނުން 70،065 ފަތުރުވެރިން ރާއްޖެ އައިއިރު 66،929 ފަތުރުވެރިންނާއެކު އިޓަލީ އޮތީ ހަ ވަނައިގަ އެވެ.

ރާއްޖޭގެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އެހެން ގައުމުތަކުގެ ތެރޭގައި އެމެރިކާ، ފްރާންސް، ސްވިޓްޒަލޭންޑް އަދި އޮސްޓްރޭލިއާ ހިމެނެ އެވެ.