ރިޔާސީ އިންތިހާބު 2023

ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް ޝައުގުވެރިވާ ބޭފުޅުންނަށް އެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފި އެވެ.

މި ފުރުސަތު ހުޅުވާލި ނަމަވެސް ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 9:00 އިން ފެށިގެން އަންނަ މަހުގެ ހަތެއްވާ ހޯމަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމަޔަށެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނީ ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް އެދޭ ބޭފުޅުން ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފޯމާއި ތަކެތި ހުށަހަޅާނީ އިންތިހާބާބެހޭ މަރުކަޒު -- ދަރުބާރުގެއަށެވެ.

ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލާ ބޭފުޅުންގެ ޝަރުތުތައް

  • ދިވެހި މަންމައަކާއި ދިވެހި ބައްޕައަކަށް އުފަން ދިވެހި ރައްޔިތަކު ކަމުގައިވުން އަދި ބޭރުޤައުމެއްގެ ރައްޔިތަކު ކަމުގައި ނުވުން.
  • މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާޢަތުގެ މީހަކު ކަމުގައިވުން.
  • އުމުރުން 35 އަހަރުވެފައިވާ މީހަކު ކަމުގައިވުން.
  • ބުއްދި ހަމައަށްހުރި މީހަކު ކަމުގައިވުން.
  • އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، އެ ދަރަނި ހަލާސްނުކޮށް ހުރި މީހަކު ކަމުގައި ނުވުން.
  • ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މަޢާފްކުރެވުނުތާ ތިން އަހަރު ވެފައިވާ މީހަކު ކަމުގައިވުން.
  • އެ މީހަކީ އިސްލާމްދީނުގައި ޙައްދު ކަނޑައެޅިފައިވާ ކުށެއް ނުވަތަ މަކަރާ ޙީލަތް، ޓެކުން، ޚިޔާނާތުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.

އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން އިންތިހާބަށް ކުރިމަތިލައްވާ ކޮންމެ ކެންޑިޑޭޓަކު އެ ބޭފުޅެއް އިންތިހާބަށް ކުރިމަތިލުމުގެ ކުރިން އެ ބޭފުޅެއްގެ ރަސްމީ އިންތިހާބީ އޭޖެންޓަކު ކަނޑައަޅަންޖެހެ އެވެ.

ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާ ބޭފުޅުން އިދާރީ ފީގެ ގޮތުގައި އެއް ލައްކަ ރުފިޔާ ދައްކަންޖެހެ އެވެ. އަދި ރިޔާސީ އިންތިހާބަށް އަމިއްލަ ގޮތުން ކުރިމަތިލައްވާ ބޭފުޅުން އުމުރުން 18 އަހަރު ފުރިފައިވާ މީހުންކުރެ މަދުވެގެން 1،500 މީހުން އެމީހަކަށް ތާއީދުކުރާކަން އަންގައިދޭ ލިޔުން ހުށަހަޅަންޖެހެ އެވެ.

އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އިއުލާނުކުރައްވާފައިވަނީ އެމްޑީޕީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އާއި ޖުމްހޫރީ ޕާޓީގެ ފަރާތުން ގާސިމު އިބްރާހީމް އާއި އެމްއެންޕީގެ ފަރާތުން މުހައްމަދު ނާޒިމު އާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އާއި ކުރީގެ ބަންޑާރަނައިބު ޑރ. މުހައްމަދު މުނައްވަރެވެ.

މީގެ އިތުރުން ދަ ޑިމޮކްރެޓްސްއިން ބާއްވާ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ހުޅުދޫ ދާއިރާގެ މަޖިލިސް މެންބަރު އިލްޔާސް ލަބީބު ވަނީ އިއުލާނުކުރައްވާފަ އެވެ. އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ޓިކެޓު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ދީފަ އެވެ. އެމަނިކުފާނު 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވާތީ މަތީ މަރުހަލާގެ ކޯޓަކުން އެ ހުކުމް ބާތިލު ނުކުރާހާ ހިނދަކު ރައީސް ޔާމީނަށް އިންތިހާބަކު ވާދައެއް ނުކުރެއްވޭނެ އެވެ.