މޯލްޑިވްސް ޕޮލިސް ސާވިސް

ހަށިވިއްކުމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފި

މާލޭގައި ހަށިވިއްކާކަމުގެ ތުހުމަތުގައި ފުލުހުން ފަސް މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މާލޭގައި ހިންގަމުންދިޔަ އަލޯރާ ސްޕާ އެންޑް ސެލޫންގައި ހަށިވިއްކަމުންދާ ކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަންގައި އެ މީހުން ހައްޔަރުކުރީ މިމަހުގެ 20 ވަނަ ދުވަހު ކަމަށެވެ.

ފުލުހުންގެ ސްޕެޝަލް އޮޕަރޭޝަނާއި އެންޓި ހިއުމަން ޓްރެފިކް ޑިޕާޓްމަންޓާއި އިންޓެލިޖެންސް އަދި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަންގައި ހައްޔަރުކުރީ ބިދޭސީ ތިން އަންހެނުންނާއި ދިވެހި ދެ ފިރިހެނުންނެވެ.

މި އޮޕަރޭޝަންގައި ހައްޔަރުކުރީ އުމުރުން 34 އަހަރުގެ ބިދޭސީ ދެ އަންހެނުންނާއި 43 އަހަރުގެ ބިދޭސީ އަންހެނަކާއި 38 އަހަރުގެ ދިވެހި ފިރިހެނަކާއި 39 އަހަރުގެ ދިވެހި ފިރިހެނެކެވެ.

"އޭގެ ތެރެއިން ބައެއް މީހުން ހައްޔަރުކޮށްފައިވަނީ ނިވާކަންކުޑަކޮށް ތިއްބަ،" ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނެފައިވެ އެވެ.

މި މައްސަލައިގައި ހައްޔަރުކުރި ބިދޭސީ ތިން އަންހެނުންގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ 15 ދުވަސް ޖަހާފަ އެވެ. އުމުރުން 38 އަހަރުގެ މީހާގެ ބަންދަށް 10 ދުވަސް ޖަހާފައިވާއިރު 39 އަހަރުގެ މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ ފަސް ދުވަސް ދީފަ އެވެ.

ފުލުހުން ވަނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ބުނެފަ އެވެ.