ރިޔާސީ އިންތިހާބާ ގުޅޭ ޝަކުވާތައް ބަލައިގަތުމުގެ ނިޒާމު ގާއިމުކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
އެ ކޮމިޝަނުން ބުނީ ރިޔާސީ އިންތިހާބާއި ގުޅޭ ގޮތުން ހުށަހެޅޭ ޝަކުވާތައް ބަލައިގަތުމަށްޓަކައި އިންތިހާބާބެހޭ މަރުކަޒު -- ދަރުބާރުގޭގައި ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯ ގާއިމުކޮށްފައިވާ ކަމަށެވެ.
ޝަކުވާ ހުށަހަޅާ ފޯމު އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުންނާއި އިންތިހާބާ ބެހޭ މަރުކަޒުންނާއި އިލެކްޝަންސް ކޮމިޝަނުގެ އިދާރާގެ ކައުންޓަރުންނާއި ރަށްރަށުގެ ރަށު ކައުންސިލް އިދާރާ އަދި އަތޮޅު/ސިޓީތަކުގައި ގާއިމުކޮށްފައިވާ އިލެކްޝަންސް ފޯކަލް ޕޮއިންޓްތަކުން ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ. މީގެ އިތުރުން ރާއްޖެއިން ބޭރުގައި ގާއިމުކޮށްފައިވާ ފޯކަލް ޕޮއިންޓުތަކުންވެސް ޝަކުވާ ހުށަހަޅާ ފޯމު ލިބެން ހުންނާނެ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ 3004498 އަދި 3004450 ނަންބަރުން ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯއަށް ގުޅޭނެ ކަމަށާއި [email protected] އީމެއިލްކުރާ ޝަކުވާތައްވެސް ބަލައިގަންނާނެ ކަމަށެވެ.
ޤައުމީ ކޮމްޕްލެއިންޓްސް ބިއުރޯ ހުޅުވިފައި ހުންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރުފަހު 3:00 އަށެވެ. ހުކުރު ދުވަހު މެންދުރުފަހު 2:00 އިން ހަވީރު 5:00 އަށެވެ.
އިންތިހާބުގެ ޝަކުވާތައް ބަލައިގަތުމުގެ ނިޒާމު ގާއިމުކޮށްފައިވާއިރު ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް ޝައުގުވެރިވާ ބޭފުޅުންނަށް އެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ ފުރުސަތު ހުޅުވާލާފަ އެވެ. މި ފުރުސަތު ހުޅުވާލި ނަމަވެސް ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 9:00 އިން ފެށިގެން އަންނަ މަހުގެ ހަތެއްވާ ހޯމަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމަޔަށެވެ.
ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު އެވެ.