ފާރިސް މައުމޫން

ފާރިސް، އެމްއާރްއެމްގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް ފޯމު ހުށަހަޅުއްވައިފި

މޯލްޑިވްސް ރިފޯމް މޫވްމަންޓް -- އެމްއާރްއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް އެ ޕާޓީގެ ރައީސް ފާރިސް މައުމޫން މިއަދު ފޯމު ހުށަހަޅުއްވައިފި އެވެ.

އެމްއާރުއެމުން ރިޔާސީ ޕްރިމަރީއަށް ހުޅުވާލީ މިދިޔަ އަންގާރަ ދުވަހު އެވެ. ޕްރައިމަރީގައި ވާދަކުރުމަށް ޝައުގުވެރިވާ ބޭފުޅުން ފޯމު ހުށަހެޅުމުގެ ފުރުސަތު ވަނީ މިއަދު ހަވީރު 4:00ގެ ނިޔަލަށް ހުޅުވާލާފަ އެވެ.

ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ދީފައިވަނީ އެމްއާރްއެމްގެ މެންބަރެއްގެ ގޮތުގައި ހުންނަވާތާ އެއް އަހަރުވެފައިވާ ބޭފުޅުންނަށެވެ.

އެމްއާރްއެމްގެ ޕްރައިމަރީގައި ވޯޓުލުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް އޮގަސްޓް އެއްވަނަ ދުވަހު އެވެ. ވޯޓުލުން ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ އޮންލައިންކޮށެވެ.

ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއެކު ކޯލިޝަން ހަދަން މަޝްވަރާ ކުރުމަށް އެމްޑީޕީގެ ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ އެމްއާރްއެމްގެ ޒައީމް، ރައީސް މައުމޫން އަބްދުލްގައްޔޫމަށް ދައުވަތު ދެއްވާފަ އެވެ. ނަމަވެސް އެމްއާރްއެމުން ވަނީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީއާއެކު ކޯލިޝަން ނުހަދަން ނިންމާފަ އެވެ.