ގާސިމް އިބްރާހިމް

އެންމެ ރަނގަޅު ކެންޑިޑޭޓު ދެއްކުމަކީ ތައުލީމީ ބޭފުޅުންގެ ޒިންމާއެއް: ގާސިމް

އެންމެ ރަނގަޅު ރިޔާސީ ކެންޑިޑޭޓަކީ ކޮން ބޭފުޅެއްކަން ރައްޔިތުންނަށް ހާމަކޮށްދިނުމަކީ ތައުލީމީ ބޭފުޅުން ކުރަންޖެހޭ ކަމެއް ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެ ޕާޓީން ފެށި "ގާސިމްގެ ތަސައްވުރު 2023" ޕްރޮގްރާމްގައި ގާސިމް ވިދާޅުވީ ގައުމާއި ރައްޔިތުންނަށް ކުރިއެރުން ހޯދައިދެވޭނީ އެންމެ ރަނގަޅު ރިޔާސީ ކެންޑިޑޭޓް ހާމަކޮށްދީގެން ކަމަށެވެ.

"ދިވެހި ރައްޔިތުންނަށް އެ ބޭފުޅުން އެބަ ދަންނަވަން ޖެހޭ މީއޭ ރަނގަޅު ކެންޑިޑޭޓަކީ،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ވެރިއަކު ކަނޑައެޅުމުގައި އެ މީހެއްގެ ނަސަބާއި ސިފައަށް ބަލަން ނުޖެހޭ ކަމަށެވެ. ނަމަވެސް ވޯޓު ދިނުމުގައި ކެންޑިޑޭޓުންގެ މާޒީއަށް ރައްޔިތުން ވިސްނަންޖެހޭ ކަމަށް ގާސިމް ވިދާޅުވި އެވެ.

ޖޭޕީގެ ރިޔާސީ ޓިކެޓު ގާސިމަށް ރަސްމީކޮށް ހަވާލުކުރީ ޖޫން ނުވަ ވަނަ ދުވަހުގެ ރޭ އެވެ.

ގާސިމްގެ ކެމްޕޭން ޝިއާރަކީ "ހާސްކަނޑާލާ! ހަމަޖެހޭނެ!" އެވެ. ރިޔާސީ އިންތިހާބަށް ގާސިމް ގެންގުޅުއްވަނީ މައިގަނޑު 21 ވައުދެކެވެ.

ޖޭޕީން ދަނީ މާލެ އާއި ރަށްތަކުގައިވެސް ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ.