މޯލްޑިވްސް ޕޮލިސް ސާވިސް

ފުވައްމުލަކު ހަމަނުޖެހުން: ހަތް މީހަކު ހައްޔަރުކޮށް ތިން މީހުން ދޫކޮށްލައިފި

ފުވައްމުލަކުގައި ރޭ ބަޔަކު ހިންގި ހަމަނުޖެހުންތަކަކާ ގުޅިގެން ހަތް މީހަކު ހައްޔަރުކޮށްފި އެވެ.

މި ހަމަނުޖެހުން ފެށުނީ ފުވައްމުލަކުގައި ރޭ ބޭއްވި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ކެމްޕޭން ޖަލްސާ ނިންމާލިތާ ކުޑަވަގުތު ކޮޅެއް ފަހުން އެ ސަރަހައްދުގައި ތިބި ބަޔަކު ފުލުހުންނާ ދިމާލަށް ގާއުކުމުން އެ މީހުން މައިތިރިކުރަން ފުލުހުން މަސައްކަތް ފެށުމާ އެކު އެވެ.

މި ހަމަނުޖެހުންތަކުގައި އާންމުންނަށާއި ފުލުހުންނަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް އަވަސް އަށް މިއަދު ވިދާޅުވީ ފުވައްމުލަކުގައި ފުލުހުންގެ ގާނޫނީ ވާޖިބު އަދާކުރުމަށް ހުރަސް އަޅައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ތުހުމަތުގައި ހަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ފުލުހުންނަށް އަނިޔާ ކުރާނެ ކަމަށް ބުނެ އިންޒާރު ދިން އިތުރު މީހަކުވެސް ހައްޔަރުކޮށްފައިވާ ކަމަށެވެ.

ހައްޔަރުކުރި މީހުންގެ ތެރެއިން ތިން މީހަކު ރޭގެ ވަގުތެއްގައި ދޫކޮށްލާފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.

ފުވައްމުލަކުގައި ހިނގި ހަމަނުޖެހުންތަކުގައި ހަތް ފުލުހަކަށް އަނިޔާވި އެވެ. ފުވައްމުލަކު ހޮސްޕިޓަލްގައި ފަރުވާ ދިނުމަށްފަހު ފުލުހުން މިހާރު ވަނީ ދޫކޮށްލާފަ އެވެ.

ރައީސް ސޯލިހް އިއްޔެ ހަވީރު ފުވައްމުލަކަށް ވަޑައިގެންނެވި ވަގުތު އިދިކޮޅު ޕީޕީއެމް ޕީއެންސީގެ މެންބަރުންތަކެއް ވަނީ ރައީސް ސޯލިހާ ދެކޮޅަށް އިހްތިޖާޖުކޮށްފަ އެވެ. މި އިހްތިޖާޖުގެ ތެރެއިން ޕީޕީއެމްގެ ފުވައްމުލަކު އުތުރު ދާއިރާގެ ރައީސް މުހައްމަދު ތޯރިގު އަހްމަދާއި، ޕީޕީއެމްގެ ދަޑިމަގު ސްޓިއަރިން ކޮމިޓީގެ ރައީސް މުހައްމަދު ޝަރަފުއްދީން އާއި އަދި އިތުރު މީހަކު ހައްޔަރުކޮށްފައިވެ އެވެ.

ޕީޕީއެމް އިން ބުނާ ގޮތުގައި މި ތިން މީހުން ހައްޔަރުކުރީ ސުލްހަވެރި އިހްތިޖާޖެއްގެ ތެރެއިން ވަރަށް އަނިޔާވެރިކޮށެވެ.

ފުލުހުންނަށް އިންޒާރު ދިން މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.