ރިޒާވް

ދައުލަތުގެ ރަސްމީ ރިޒާވް ދަށަށް ހިނގައްޖެ

ދައުލަތުގެ ރަސްމީ ރިޒާވް މޭ މަހާއި އަޅާބަލާއިރު ޖޫން މަހު ދަށަށް ހިނގައްޖެ އެވެ.

މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޖޫން މަހު ރަސްމީ ރިޒާވްގައި ހުރީ 702 މިލިއަން ޑޮލަރެވެ.

މިއީ މިއަހަރުގެ މޭ މަހު ރަސްމީ ރިޒާވްގައި ހުރި 748 މިލިއަން ޑޮލަރަށްވުރެ 46 މިލިއަން ޑޮލަރު މަދު އަދަދެކެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު މާޗް މަހުން ފެށިގެން ރަސްމީ ރިޒާވް ވަނީ މަހުން މަހަށް ދަށަށް ގޮސްފަ އެވެ.

ރަސްމީ ރިޒާވް މަހުން މަހަށް

  • ޖެނުއަރީ - 790 މިލިއަން ޑޮލަރު
  • ފެބްރުއަރީ - 795 މިލިއަން ޑޮލަރު
  • މާޗް - 764 މިލިއަން ޑޮލަރު
  • އެޕްރީލް - 756 މިލިއަން ޑޮލަރު
  • މޭ - 748 މިލިއަން ޑޮލަރު
  • ޖޫން - 702 މިލިއަން ޑޮލަރު

ރަސްމީ ރިޒާވް ދަށަށް ދިޔަ ނަމަވެސް މޭ މަހާއި އަޅާބަލާއިރު ޖޫން މަހު ޔޫޒަބަލް ރިޒާވް ވަނީ އިތުރުވެފަ އެވެ. ޔޫޒަބަލް ރިޒާވް އިތުރުވީ ކުރު މުއްދަތުގައި ދައްކަންޖެހޭ ދަރަނި މޭ މަހާއި އަޅާބަލާއިރު ޖޫން މަހު މަދުވުމުންނެވެ.

ޔޫޒަބަލް ރިޒާވަކީ ރަސްމީ ރިޒާވުން ކުރު މުއްދަތުގައި ދައްކަންޖެހޭ ދަރަނި އުނި ކުރުމުން ބާކީ އޮންނަ އަދަދެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު ކުރު މުއްދަތުގައި ދައްކަންޖެހޭ ދަރަނި މޭ މަހު ހުރީ 600 މިލިއަން ޑޮލަރުގަ އެވެ. އެހެންކަމުން މޭ މަހުގެ ޔޫޒަބަލް ރިޒާވްއަކީ 148 މިލިއަން ޑޮލަރެވެ.

ކުރު މުއްދަތުގައި ދައްކަންޖެހޭ ދަރަނި ޖޫން މަހު ހުރީ 534 މިލިއަން ޑޮލަރުގަ އެވެ. އެހެންކަމުން ޖޫން މަހުގެ ޔޫޒަބަލް ރިޒާވްއަކީ 168 މިލިއަން ޑޮލަރެވެ.

ފިނޭންސް މިނިސްޓްރީން އަންދާޒާކުރަނީ މިއަހަރު ނިމޭއިރު ރަސްމީ ރިޒާވްގައި 606.3 މިލިއަން ޑޮލަރު ހުންނާނެ ކަމަށެވެ.