މޯލްޑިވިއަން އައިޑޮލް

މިއޮތީ ޕިއާނޯ ރައުންޑް: މިރޭ ވޯޓް ދެވޭނެ

  • ވޯޓު ގުނުމުގެ ކަންކަން ބަލަން އޮޑިޓް ފާމަކަށް
  • މިރޭގެ ޝޯ ފެށުމާއެކު ވޯޓް ދެވޭނެ

ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު އަދި އެންމެ ބޮޑު މަގުބޫލުކަމެއް ލިބިފައިވާ މޯލްޑިވިއަން އައިޑޮލްގެ ތިންވަނަ ރައުންޑް މިރޭ ފަށާނެ އެވެ. ޕިއާނޯ ރައުންޑް މިރޭ ފަށާއިރު މި ރައުންޑަކީ ދެ ހަފުތާއަށް ކުރިއަށްދާނެ ރައުންޑެކެވެ.

ތިއޭޓާ ރައުންޑުން ހޮވުނު 16 ބައިވެރިން ޕިއާނޯ ރައުންޑްގައި ޕާފޯމް ކުރާނެ އެވެ. ހުނަރުވެރި 16 ބައިވެރިންގެ ހުނަރު މިރޭ އިތުރަށް ފެނިގެންދާނެ އެވެ. ސަބަބަކީ ޕިއާނޯ ރައުންޑަށް ހޮވުނު 16 ބައިވެރިންނަށް ވަނީ ހާއްސަ ޓްރެއިންނެއް ދީފަ އެވެ. މިރޭ ބައިވެރިން ހުށަހަޅައިދޭ ހުށަހެޅުންތަކަކީ ޓްރެއިންނަށްފަހު ހުށަހަޅައިދޭ ފުރަތަމަ ހުށަހެޅުމެވެ.

މިރޭ ހާއްސަވާ އިތުރު ސަބަބެއް ވެސް އެބަ އޮތެވެ. ހިތާހިތުން ސަޕޯޓް ކުރުމުން އައި ބައިވެރިންނަށް ސަޕޯޓް ދައްކާލުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. މިރޭ ޝޯ ފެށުމާއެކު، ބެލުންތެރިންނަށް ވޯޓު ދިނުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. މިރޭ 10:30 ގައި ޝޯވ ފެށުމާއެކު އެ ފުރުސަތު ހުޅުވިގެންދާނެއިރު މާދަމާ ހެނދުނު ނުވައެއް ޖަހަންދެން ވޯޓު ދިނުމުގެ ފުރުސަތު އޮންނާނެ އެވެ. އެސްއެމްއެސް މެދުވެރިކޮށް ވޯޓު ދިނުމުގެ ފުރުސަތު ހުޅުވިފައިވާއިރު ފޮނުވާ ކޮންމެ އެސްއެމްއެސްއަކަށް ތިން ރުފިޔާ ޗާޖް ކުރެވޭނެ އެވެ. ވޯޓު ދިނުމަށް އެސްއެމްއެސް ކުރެވޭނީ، MI ޖެހުމަށްފަހު، ހުސްތަންކޮޅެއް ދޫކޮށްލާ، ވޯޓު ދިނުމަށް ބޭނުންވާ ބައިވެރިޔާގެ ނަން ޖެހުމަށްފަހު، 303 އަކަށް ފޮނުވައިގެންނެވެ. މިރޭ ހުށަހަޅައިދޭ ހުށަހެޅުންތަކަށް ޖަޖުން ފުރަތަމަ ފަހަރަށް މާކްސް ދޭނެ އެވެ.

މާދަމާގެ ޝޯއިން ކަޓައިގެން ދާނީ، ޖަޖުން މާކްސް އާއި ބެލުންތެރިންގެ ވޯޓު އެއްކޮށްލުމުން އެންމެ މަދުން މާކްސް ލިބޭ ދެ ބައިވެރިންނެވެ. މާކްސް ދޭނީ ޖަޖުންގެ މާކްސްގެ 50 ޕަސެންޓާއި ބެލުންތެރިންގެ ވޯޓުގެ 50 ޕަސެންޓެވެ.

މާދަމާ ރޭ ދެ ބައިވެރިން ކަޓައިގެންދާނެއިރު އަންނަ ހަފުތާ ވެސް ދެ ބައިވެރިން ކަޓައިގެންދާނެ އެވެ. ޕިއާނޯ ރައުންޑު ނިމިގެންދާއިރު ޝޯގައި ތިބޭނީ 12 ބައިވެރިންނެވެ. އެ 12 ބައިވެރިން ދެން ދާނީ ގާލާ ރައުންޑަށެވެ.

މޯލްޑިވިއަން އައިޑޮލްއަކީ ބޮޑު ޝޯއެކެވެ. ބެލުންތެރިންގެ އިތުބާރު ހިފެހެއްޓުމަށް ވެސް ބޮޑު މަސައްކަތްތެއްކުރަން ޖެހެ އެވެ. އެގޮތުން ބެލުންތެރިން ފޮނުވާ ވޯޓަކީ ސައްހަ ވޯޓެއްކަން ޔަގީންކުރުމަށާއި ވޯޓު ގުނުން ކުރިއަށް ދަނީ ރަނގަޅަށްތޯ ބެލުމަށް އޮޑިޓް ފާމަކަށް އެކަން ވަނީ ހަވާލުކޮށްފަ އެވެ. މިކަން ހަވާލުކޮށްފައިވަނީ އޭއެޗް އެންޑް އެސޯސިއޭޓްސް އެލްއެލްޕީ އަށެވެ. އޭއެޗް އެންޑް އެސޯސިއޭޓްސް އެލްއެލްޕީއަކީ މުޅިން ދިވެހިން މަސައްކަތްކުރަމުން އަންނަ ކްރޮހޯރްވަތް އިންޓަނޭޝަނަލްގެ ރާއްޖޭގެ އެސޯސިއޭޓް ފާމެވެ.

"އަޅުގަނޑުމެންނާ ހަވާލުކޮށްފައިމިވަނީ މޯލްޑިވިއަން އައިޑަލްގެ ވޯޓުލުމުގެ ޕްރިސެސް އޮޑިޓްކުރުމުގެ މަސައްކަތް، ޕީއެސްއެމްގެ ބޭފުޅަކާއި އަޅުގަނޑުމެންނާއެކު ދެ ފަރާތުގެ ހާޒިރުގައި ވޯޓުތައް ގުނާފަ އެ ކޮންމެ ދުވަހަކު ވެސް އެ ބޭފުޅުންނަށް ވޯޓުގެ ނަތީޖާ ސީލްކުރާ ގޮތަށް މި އޮންނަނީ،" އޭއެޗް އެންޑް އެސޯސިއޭޓްސް އެލްއެލްޕީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުހައްމަދު ވިދާޅުވި އެވެ.

ޕޮޕް އައިޑޮލްގެ ފްރެންޗައިޒް ޝޯއެއްގައި ކުރިއަށް ގެންދާ މޯލްޑިވިއަން އައިޑޮލްގެ އޮޑިޝަންތައް ރާއްޖޭގެ ފަސް ސަރަހައްދެއްގައި ކުރިއަށް ގެންދިޔައިރު ގާތްގަނޑަކަށް 600 އެއްހާ ކުދިން އޮޑިޝަންތަކުގައި ބައިވެރިވި އެވެ.

މޯލްޑިވިއަން އައިޑޮލްގައި ޖުމްލަ 30 އެޕިސޯޑް ގެނެސްދިނުމަށް ހަމަޖެހިފައިވާއިރު ގްރޭންޑް ފިނާލޭ ޝޯ އޮންނާނީ އެޕްރީލް މަހުގެ 30 ވަނަ ދުވަހު އެވެ. އެ ޝޯ ގެނެސްދޭން ހަމަޖެހިފައި ވަނީ ލައިވްކޮށެވެ.