މުހައްމަދު ނާޒިމް

ޖިންސީ ގޯނާކުރާ މީހުން ޖަލުން ސަލާމަތެއް ނުވާނެ: ނާޒިމު

ރޭޕްކުރާ މީހުންނާއި ޖިންސީގޯނާކުރާ މީހުން އެމްއެންޕީގެ ވެރިކަމެއްގައި ޖަލުން ސަލާމަތްނުވާނެ ކަމަށް އެ ޕާޓީގެ ރައީސް އަދި ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމު ވިދާޅުވެއްޖެ އެވެ.

އަންހެނުންގެ ލީޑަޝިޕް ފޯރަމްގެ ނަމުގައި ރޭ ސަލްޓަން ޕާކުގައި ބޭއްވި އިވެންޓްގައި ވާހަކަ ދައްކަވަމުން ނާޒިމު ވިދާޅުވީ ރޭޕްކުރުމާއި ޖިންސީގޯނާ ކުރުމާއި ގެވެށިއަނިޔާ އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާ ކަމަށާއި އެކަންކަމަށް ޖާގަދީގެން ނުވާނެ ކަމަށެވެ.

ރޭޕްކުރާ މީހުންނާއި ޖިންސީ ގޯނާކުރާ މީހުންނަށް އެމްއެންޕީގެ ވެރިކަމެއްގައި ހަރުކަށި އަދަބު ދޭނެ ކަމަށް ނާޒިމު ވިދާޅުވި އެވެ.

"ރޭޕްކުރުމާއި ޖިންސީ ގޯނާކުރުން ފަދަ ނޭދެވޭ އަމަލުތައް ހިންގާ މީހުންނަށް ހަރުކަށި އަދަބު ދޭނަން. އެމީހުންނަކީ ކްލެމެންސީން މަހުރޫމްވެ، އެ މީހުންނަކީ އެ ޖަލުގެ ގޮޅިން ސަލާމަތްނުވާ ބަޔަކަށް އިރާދަކުރެއްވިއްޔާ ހަދާނަން،" ނާޒިމު ވިދާޅުވި އެވެ.

އަންހެނުންގެ ލީޑަޝިޕް ފޯރަމްގައި ވާހަކަ ދައްކަވަމުން ނާޒިމު ވިދާޅުވީ ފިރިހެނުންނެކޭ އެއްގޮތަށް އަންހެނުންނަށްވެސް ފުރުސަތުތައް ލިބެންޖެހޭ ކަމަށެވެ.

އެމްއެންޕީގެ ވެރިކަމެއްގައި އަންހެނުން ބާރުވެރިކުރުވާނެ ކަމަށާއި އެގޮތުން ރައްޔިތުންގެ މަޖިލީހުގައި އަންހެނުންނަށް 30 ޕަސަންޓް ހަމަޖައްސާނެ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން ކެބިނެޓުން އަންހެނުންނަށް ފުރުސަތު ދޭނެ ކަމަށާއި ކުންފުނިތަކާއި މުހިންމު މަސައްކަތްތަކުގައި އަންހެނުންނަކީ ބާރުވެރިކަމާއެކު އިސް މަގާމުތަކުގައި ތިބޭނެ ބަޔަކަށް ހަދާނެ ކަމަށް ނާޒިމު ވިދާޅުވި އެވެ.