ޖުމްހޫރީ ޕާޓީ

މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި ޝިހާބާއި ނާޒިމު ޖޭޕީއަށް

ކުރީގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ޝިހާބާއި ކުރީގެ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް މިއަދު ސޮއިކުރައްވައިފި އެވެ.

ޝިހާބާއި ނާޒިމު ޖޭޕީއަށް ސޮއިކުރެއްވީ އެ ޕާޓީގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ޝިހާބާއި ނާޒިމު ޖޭޕީއަށް ސޮއިކުރެއްވި ފޯމާ ހަވާލުވެވަޑައިގަތީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާޙީމް އެވެ.

ޖޭޕީ އުފެއްދިތާ ކުރީކޮޅު އެ ޕާޓީގެ އިސް މެންބަރެއްގެ ގޮތުގައި އުޅުއްވި ޝިހާބު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސްޕެޝަލް އެޑްވައިޒަރުގެ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ ޖުލައި މަހު އެވެ.

ރައީސް ސޯލިހުގެ އެޑްވައިޒަރަކަށް ޝިހާބު އައްޔަންކުރެއްވީ އޮކްޓޫބަރު 15، 2019 ގަ އެވެ.

ނާޒިމު ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި ހާއްސަ މަޖިލީހުގެ މެންބަރުކަންވެސް ކުރައްވާފަ އެވެ. މީގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ސްޓޭޓް މިނިސްޓަރުކަން ކުރެއްވި އެވެ.