ފީފާގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ ޖެރޯމް ވަލްކޭ އެ ޖަމާއަތުން 12 އަހަރަށް ސަސްޕެންޑްކޮށްފި އެވެ.
ހިޔާނާތުގެ ތުހުމަތުގައި ވަގުތީ ގޮތުން ސަސްޕެންޑްކޮށްފައި ހުރި ވަލްކޭ ސަސްޕެންޑްކުރުމުގެ އިތުރަށް އެއްލައްކަ ސްވިސް ފްރޭންކުން އޭނާ ޖޫރިމަނާވެސް ކޮށްފައިވެ އެވެ.
ވަލްކޭގެ މައްޗަށް ފީފާގެ އެތިކްސް ކޮމިޓީން ތަހުގީގު ހިންގީ ވޯލްޑް ކަޕުގެ ޓިކެޓް ވިއްކުމުގައި އަމިއްލަ މަސަލަހަތު އިސްކޮށް ފައިދާ ހޯދާފައިވާ ކަމަށެވެ. މީގެ އިތުރުން ދަތުރުފަތުރު ކުރުމުގައި އަމިއްލަ މަސްލަހަތު އިސްކުރުމާއި ބައެއް ޑޮކިއުމަންޓްތައް ހަމަނުވުމުން ވެސް އޭނާގެ މައްޗަށް ވަނީ ސާބިތުވެފަ އެވެ. މީގެ އިތުރުން ފީފާގެ މުބާރާތްތަކުގައި ޓީވީ ރައިޓްސް ދިނުމުގައި ވެސް އޭނާ މަކަރު ހަދާފައިވާ ކަމަށް ކޮމިޓީން ވަނީ ނިންމައިފަ އެވެ.
ނަމަވެސް ވަލްކޭގެ ލޯޔަރު މިއަދު ނެރުނު ބަޔާނުގައިވަނީ ވަލްކޭ ގޯސް އެއްވެސް ކަމެއް ނުކުރާ ކަމަށާއި އެތިކްސް ކޮމިޓީގެ ނިންމުމުން އެނގެނީ އެ ކޮމިޓީގެ ނިންމުމުގައި ހަރުދަނާކަމެއް ނެތްކަން ކަމަށެވެ.
ކޮރަޕްޝަނުގެ ތުހުމަތުގައި ފީފާއިން ވަނީ އެޖަމާއަތުގެ ރައީސް ސެޕް ބްލެޓާ އާއި ފީފާގެ އެއް ނާއިބް ރައީސްކަމުގައި ހުންނެވި ޔޫއޭފާގެ ރައީސް މިޝޭލް ޕްލެޓިނީ ވެސް ފުޓްބޯޅައިގެ އެންމެހާ ހަރަކާތްތަކުން ސަސްޕެންޑްކޮށްފަ އެވެ.