މުހައްމަދު ނާޒިމް

ނާޒިމުގެ ކެންޑިޑެސީ ފޯމް ހުށަހަޅުއްވައިފި

މޯލްޑިވްސް ނެޝަނަލް ޕާޓީ -- އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމު ކުރިއަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށްޓަކައި އިލެކްޝަންސް ކޮމިޝަނަށް ކެންޑިޑެސީ ފޯމު ހުށަހަޅުއްވައިފި އެވެ.

ދަރުބާރުގޭގައި މިއަދު މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގުގެ އަތްޕުޅަށް އެރުވީ ނާޒިމެވެ. މި ރަސްމިއްޔާތުގައި ނާޒިމުގެ ރަނިން މޭޓު ޑރ. އަހުމަދު އަދީލް ނަސީރު ބައިވެރިވެވަޑައިގެންނެވި އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ނާޒިމު ފޯމް ހުށަހަޅުއްވާފައިވާއިރު އިންތިހާބުގައި ވާދަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެންޑިޑެސީ ފޯމްވެސް މިއަދު ވަނީ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވާފަ އެވެ.

އިންތިހާބުގައި ވާދަކުރެއްވުމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން ފޯމް ހުށަހެޅުއްވި ނަމަވެސް އެމަނިކުފާނުގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބަލައިގެންފައެއް ނުވެ އެވެ. އިލެކްޝަންސް ކޮމިޝަންގެ އެ ނިންމުން އެމަނިކުފާނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން އެ ކޯޓުން ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޔާމީނަށް ވާދަނުކުރެވޭނެ ކަމަށް ހުކުމްކޮށްފަ އެވެ.

ރައީސް ޔާމީނަށް އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް ހުކުމް ކުރީ ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ އިއްތިފާގުންނެވެ. މައްސަލަ ނިންމުމުގައި ހުރިހާ ފަނޑިޔާރުންވެސް ތާއީދުކުރެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔަށެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޝައުގުވެރިވާ ބޭފުޅުންނަށް ފުރުސަތު ވަނީ މާދަމާގެ ނިޔަލަށް ހުޅުވާލާފަ އެވެ.

އިންތިހާބުގެ ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު އެވެ. ދެވަނަ ބުރަކަށް ގޮސްފިނަމަ ވޯޓުލުން އޮންނާނީ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު އެވެ.