ރިޔާސީ އިންތިހާބު 2023

ބޭރުގެ ފަސް ގައުމެއްގައި ވޯޓުފޮށި ބަހައްޓަނީ

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރާއްޖެއިން ބޭރުގެ ފަސް ގައުމެއްގައި ވޯޓުފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

ރިޔާސީ އިންތިހާބުގައި ވޯޓުފޮށި ބެހެއްޓުމަށް ނިންމާފައިވަނީ އިންޑިއާ އާއި ސްރީލަންކާ އާއި މެލޭޝިއާގެ އިތުރުން އިނގިރޭސިވިލާތާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގަ އެވެ.

މި ގައުމުތަކުގައި ވޯޓުފޮށި ބެހެއްޓުމަށް ބޭނުންވާ އަދަދަށް މީހުން ރީ-ރަޖިސްޓަރީވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވި އެވެ.

ވޯޓުފޮށި ބަހައްޓާ ގައުމުތަކާއި ސިޓީ

  • އިންޑިއާ - ޓްރިވެންޑްރަމް
  • ސްރީލަންކާ - ކޮލަމްބޯ
  • މެލޭޝިޔާ - ކުއަލަލަމްޕޫރު
  • އިނގިރޭސި ވިލާތް - ލަންޑަން
  • ޔުނައިޓެޑް އެރެބް އެމިރޭޓްސް - އަބޫދާބީ

ރިޔާސީ އިންތިހާބުގައި ސިންގަޕޫރާއި ތައިލޭންޑް އަދި ޖަޕާނުގައި ވޯޓުފޮށި ބެހެއްޓުމަށް ނިންމި ނަމަވެސް އެ ގައުމުތަކުގައި ވޯޓުފޮށި ބެހެއްޓުމަށް ބޭނުންވާ އަދަދަށް މީހުން ރީ-ރަޖިސްޓްރީކޮށްފައިނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި 65 ރިސޯޓެއްގައި ވޯޓުފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފަ އެވެ.

ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު ނުވަ ވަނަ ދުވަހު އެވެ. ދެވަނަ ބުރަކަށް ގޮސްފިނަމަ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ ސެޕްޓެމްބަރު 30 ވަނަ ދުވަހު އެވެ.