ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މި ސަރަހައްދުގައި އިސްލާމީ ތައުލީމު ދޭ އެންމެ ވަރުގަދަ ގައުމަށް ރާއްޖެ ހަދާނަން: ރައީސް

މި ސަރަހައްދުގައި އިސްލާމީ ތައުލީމު ދޭ އެންމެ ވަރުގަދަ ގައުމަށް ރާއްޖެ ހަދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ގދ. ނަޑެއްލާގައި މިއަދު ބޭއްވި ކެމްޕޭން ޖަލްސާގައި އެމްޑީޕީގެ މެނިފެސްޓޯގައި ހިމެނޭ -- "ރިވެތި އިސްލާމީ ދިރިއުޅުން" ސިޔާސަތުތައް ހާމަކުރައްވަމުން ރައީސް ސޯލިހު ވަނީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ރާއްޖޭގައި އިސްލާމިކް ސެންޓާ އޮފް އެކްސަލަންސް ގާއިމުކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

"ރާއްޖޭގައި އިސްލާމިކް ސެންޓާ އޮފް އެކްސަލަންސް ގާއިމުކޮށް، ދިވެހިރާއްޖެއަކީ މި ސަރަހައްދުގައި އިސްލާމީ ތައުލީމު އުނގަންނައިދޭ މަރުކަޒެއްގެ ގޮތުގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ގާއިމުކުރާނަން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ އެންމެންނަށް ރިވެތި އިސްލާމީ ދިރިއުޅުން އުނގަންނައިދިނުމަކީ ކުރަންޖެހޭ ކަމެއް ކަމަށެވެ.

އެގޮތުން ދީނީ އިލްމުގެ ހަރުދަނާ ބިންގަލާއި އިސްލާމު ދީނަށް ލޯބި އިތުރުކުރުމަށް ފިގުހު އެކަޑަމީއެއް ގާއިމުކޮށް ދީނީ އިލްމުވެރިން ބިނާކުރާނެ ކަމަށް ވިދާޅުވި އެވެ.

"ދީނީ އިލްމު ފެތުރުމަށް ދީނީ އިލްމުވެރިން ހާއްސަކޮށް އަންހެން އަދި ޒުވާން އިލްމުވެރިން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ބިނާކުރާނަން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ދީނާ ދެކޮޅަށް އަދި ހަރުކަށި ފިކުރާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް ހަރުދަނާކޮށް އިސްލާމީ ސައްހަ އަގީދާގެ މައުލޫމާތު ހުރިހާ ރަށެއްގައި ދޭނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

މީގެ އިތުރުން ދީނީ އިލްމުވެރިންގެ މަޝްވަރާއާއެކު ދީނީ އިލްމުވެރިންގެ މަހާސިންތާއެއް ރާއްޖޭގައި ބާއްވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.