ސައުތު އޭޝިއަން ގޭމްސްގެ ސެމީ ފައިނަލް މެޗުގެ އެންމެ ފަހު ވަގުތު ނޭޕާލުން ޖެހި ގޯލާއެކު 4-3އިން ބަލިވެ ސެމީ ފައިނަލެއްގައި އަނެއްކާ ވެސް ރާއްޖެ ބަލިވެއްޖެ އެވެ.
މިއީ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ ފައިނަލުގައި އިންޑިޔާ އަތުން މޮޅުވި ފަހުން ސެމީ ފައިނަލުގައި ރާއްޖެ ބަލިވަމުން އަންނަ ސިލްސިލާ އަށް އިތުރުވި އާބޮޅެކެވެ. އަދި މިއީ ފާއިތުވެދިޔަ ދެ މަސް ދުވަހުގެ ތެރޭގައި ސެމީ ފައިނަލުގައި ރާއްޖެ ބަލިވި ތިން ވަނަ ފަހަރެވެ.
މިދިޔަ ޖެނުއަރީ މަހު ނިމުނު ސާފް ޗެމްޕިއަންޝިޕުގެ ސެމީ ފައިނަލުގައި ރާއްޖެ ބަލިވީ އިންޑިޔާ އަތުންނެވެ. އޭގެ ފަހުން މިދިޔަ މަހު ބަނގްލަދޭޝްގައި ނިމުނު ބަނގްބަންދު ގޯލްޑް ކަޕުގައި ރާއްޖެ ސެމީ ފައިނަލުން ކެޓީ ނޭޕާލް އަތުންނެވެ. މިއަދު އަނެއްކާ ވެސް ނޭޕާލް އަތުން ރާއްޖެ ސެމީގައި ބަލިވިއިރު މި ތިން މުބާރާތުގައި ވެސް ކޯޗަކީ ނިއުޒީލޭންޑްގެ ކުރީގެ ކޯޗު ރިކީ ހާބަޓެވެ. މެޗުގެ ކުރިން އޭނާ ވަނީ ސެމީ ފައިނަލުން ބަލިވުން ތަކުރާރު ކުރަން ބޭނުންނުވާ ކަމަށް ބުނެފަ އެވެ.
މިއަދުގެ މެޗުގައި ފުރަތަމަ ދެ ލަނޑު ޖެހީ ނޭޕާލުންނެވެ. ނަވާޔުގް ޝްރޭސްތާ އާއި އަންޖަން ބިސްތާ ފުރަތަމަ ހާފުގައި ޖެހި މި ގޯލަށް ފަހު މެޗުގެ ފުރިހަމަ ވަގުތު ހަމަވީ ހަމްޒާ މުހައްމަދު (ހަމްޕު) އާއި އަހުމަދު ނާޝިދު (ނާއްޓޭ) ޖެހި ލަނޑާއެކު 2-2އިންނެވެ. ރާއްޖެ މެޗުގެ ލީޑު ނެގީ އިތުރު ވަގުތުގެ 30 މިނިޓް ތެރޭގައި ހަސަން ނާއިޒް (ދާދު) ޖެހި ލަނޑުން ރާއްޖެ ލީޑް ނެގި ނަމަވެސް މެޗުގެ ފަހު ވަގުތު އަނެއްކާ ވެސް ނަތީޖާ ހަމަހަމަވީ ސްރޭޝްތާ ޖެހި ލަނޑުންނެވެ. އޭނާގެ މި ލަނޑަށް ފަހު ޖެހިގެން އައި މިނިޓްގައި ޖެހި ލަނޑާއެކު މެޗުގެ ފަހު ވަގުތު ރާއްޖެ އަށް ލީޑު ގެއްލި އަނެއްކާ ވެސް ދިވެހިން ފެންކަޅިވީ އެވެ.
މުބާރާތުގެ ފައިނަލުގައި ނޭޕާލް ކުޅޭނީ އިންޑިޔާއާ އެވެ. އިންޑިޔާ ފައިނަލުން ޖާގަ ހޯދީ ސެމީގައި މިއަދު ބަނގްލަދޭޝް ބަލިކޮށްފަ އެވެ.