ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

ޖަލު ހުކުމް ފަސްކުރުމަކީ ރާއްޖޭގެ ގާނޫނީ ނިޒާމުގައި އޮތް ކަމެއް ނޫން: ޕީޖީ

ޖަލު ހުކުމް ފަސްކުރުމަކީ ރާއްޖޭގެ ގާނޫނީ ނިޒާމުގައި އޮތް ކަމެއް ނޫން ކަމަށް ޕްރޮސެކިއުޓާ ޖެނެއަލް އޮފީސް (ޕީޖީ) އިން މިއަދު ބުނެފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރަކަށް ހައިކޯޓުގައި އެމަނިކުފާނު އެދިފައިވާއިރު ޕީޖީ އޮފީހުގެ ވަކީލަކު ވިދާޅުވީ ޖަލު ހުކުމް ތަންފީޒުކުރުން ފަސްކުރެވޭނެ ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނާއި ގަވާއިދުގައި ބަޔާންކޮށްފައިނުވާ ކަމަށެވެ.

ވަކީލު އިތުރަށް ވިދާޅުވީ ޖިނާއީ ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް އެދި ހުށަހެޅޭނެނަމަ އެކަމާ ގުޅޭ ފޯމު ހުންނާނެ ކަމަށާއި ނަމަވެސް ޖިނާއީ ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް އެދި ހުށަހަޅާ ފޯމެއް ނުހުންނަ ކަމަށެވެ.

ރައީސް ޔާމީންގެ ވަކީލުންވެސް ވަނީ ޖިނާއީ އިޖުރާއަތުގެ ފޯމުތަކުގެ ތެރޭގައި ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރަކަށް އެދޭ ފޯމު ނުހިމެނޭކަން ފާހަގަކުރައްވާފަ އެވެ.

ރައީސް ޔާމީންގެ އިސްތިއުނާފް މައްސަލައިގައި ހުކުމާ ހަމައަށް ދިއުން ލަސްވެފައި ވަނިކޮށް ހުކުމް ތަންފީޒު ކުރުމުގެ އަމުރަކަށް ރައީސް ޔާމީން އެދިވަޑައިގެންފައިވަނީ މިމަހުގެ ހަ ވަނަ ދުވަހުގެ ރޭ އެވެ.

މީގެ ކުރިން ސިޓީ އަކުންވެސް ހުކުމް ތަންފީޒު ކުރުން ފަސްކުރުމުގެ އަމުރަކަށް އެދިވަޑައިގެންނެވި އެވެ. ނަމަވެސް އޭރު އެކަމަށް އެދިފައި އޮތީ އެކަން ކުރަން އޮންނަ އުސޫލުން ނޫން ކަމަށް އެނގިފައިވެ އެވެ.