ވ. އާރަށު މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިއްވާފައިވާ ޖަލު ހުކުމްގެ އިސްތިއުނާފު ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ) އިން އެދިގެން ކެންސަލްކޮށްފި އެވެ.
ހައި ކޯޓުގައި މިއަދަށް ތާވަލުކުރި އަޑުއެހުން ކެންސަލް ކުރަން ޕީޖީން އެދުނު ސަބަބެއް ސާފެއް ނުވެ އެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތެރެއިން ވ. އާރަށް ކުއްޔަށް ދީގެން ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ޔާމީން 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު 25 ވަނަ ދުވަހު އެވެ.
ކްރިމިނަލް ކޯޓުގެ ހުކުމް ރައީސް ޔާމީންގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު މި މައްސަލައިގައި އަޑުއެހުމެއް މިމަހުގެ 16 ވަނަ ދުވަހު ބޭއްވި އެވެ.
ހައިކޯޓުގައި ރައީސް ޔާމީން ރައްދު ދިނުމުގެ ބައި ނިމިފައިވާއިރު ދެން އޮންނާނީ ޔާމީންގެ ވާހަކަތަކަށް ދައުލަތުން ރައްދު ދިނުމެވެ.
އާރަށުގެ މައްސަލައިގައި ދައުލަތުން ޔޫސުފް ނައީމުގެ މައްޗަށް އުފުލި ރިޝްވަތު ދިނުމުގެ ދައުވާ ސާބިތުވުމާ ގުޅިގެން އޭނާ ވެސް ގެންދަވަނީ ތިން އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.