މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން

ހާލަތުވެސް ބަލަނީ، އިތުރު ފުރުސަތެއްވެސް ދެނީ

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން ދޫކުރާ ފްލެޓަށް ޝަރުތު ހަމަވާ މީހުންގެ ދިރިއުޅުމުގެ ހާލަތު ބެލުމަށް ތައްޔާރުވެ، ޝަަރުތުހަމަނުވި މީހުން ލިޔެކިޔުން ހުށަހެޅުމަށް އިތުރު ފުރުސަތަށް ހުޅުވާލައިފި އެވެ.

ސަރުކާރުގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ފްލެޓަށް ޝަރުތު ހަމަވާ މީހުންގެ ދިރިއުޅުމުގެ ހާލަތު ބެލުމުގެ މަސައްކަތް އަންނަ ހަފުތާގައި ފަށާނެ ކަމަށެވެ.

ފްލެޓަށް އެދި ހުށަހެޅި ބައެއް މީހުން ޝަރުތުހަމަނުވީ އެ މީހުން މާލޭގައި 15 އަހަރު ދިރިއުޅޭ ކަމުގެ ސައްހަ ލިޔުމެއް ހުށަހަޅާފައިނުވާތީ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

މާލޭގައި 15 އަހަރު އުޅުނު ކަމުގެ ލިޔުމެއްގެ ގޮތުގައި ސްކޫލު، ކޮލެޖު ނުވަތަ ޔުނިވާސިޓީގައި ކިޔެވިކަމުގެ ކަމުގެ ލިޔުމާއި ވަޒީފާ އަދާކުރިކަން އަންގައިދޭ ލިޔުން ހުށަހެޅޭނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ފްލެޓް ލިބޭ މީހުންގެ ލިސްޓު އާންމުކުރީ މިމަހުގެ އަށްވަނަ ދުވަހު އެވެ.

ސްކީމަށް ޝަރުތު ހަމަވާ ހުރިހާ މީހުންނަށް ފްލެޓު ދިނުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.

މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދޫކުރާ 4،000 ފްލެޓްގެ ތެރެއިން ތިން ކޮޓަރީގެ ފްލެޓަށް 14،489 ފޯމު އަދި ދެ ކޮޓަރީގެ ފްލެޓަށް 6،208 ފޯމު ހުށަހަޅާފައިވެ އެވެ.

ހަދަމުންދާ ފްލެޓްތަކަކީ ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން ތަރައްގީ ކުރަމުން ދާ ދެ ކޮޓަރި އަދި ތިން ކޮޓަރީގެ އެޕާޓްމެންޓްތައް ހިމެނޭ ފްލެޓްތަކެކެވެ. މީގެތެރެއިން ދެ ކޮޓަރި ހިމެނޭ އެޕާޓްމަންޓްގައި ހުންނާނީ 650 އަކަފޫޓުގެ 1،200 ހައުސިން ޔުނިޓާއި އަދި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކުގައި ހުންނާނީ 900 އަކަފޫޓްގެ 2،800 ހައުސިން ޔުނިޓެވެ.