މުހައްމަދު ނާޒިމް

ފައިނުގައި އެއާޕޯޓެއް އަޅާނަން: ނާޒިމު

ވެރިކަން ލިބިވަޑައިގެންފިނަމަ ރ. ފައިނުގައި އެއާޕޯޓެއް އަޅާނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ -- އެމްއެންޕީގެ ރައީސް އަދި ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމު ވައުދުވެވަޑައިގެންފި އެވެ.

ރ. ދުވާފަރުގައި ރޭ ބޭއްވި "އުޖާލާ ޒަމާން" ކެމްޕޭން ޖަލްސާގައި ނާޒިމު ވަނީ ފައިނު އެއާޕޯޓަކީ ސަރަހައްދަށް މުހިންމު އެއާޕޯޓެއްކަން ފާހަގަކުރައްވާ އޭނާގެ ވެރިކަމެއްގައި ފައިނުގައި އެއާޕޯޓެއް އަޅާނެ ކަމަށް ވިދާޅުވެފަ އެވެ.

ފައިނުގައި އެއާޕޯޓް އަޅަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނިންމި އެވެ. އެ ނިންމުމާއެކު ސަރުކާރަށް އޭރު ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި އެވެ.

އެ އެއާޕޯޓުގެ މަސައްކަތް ކުރިއަށް ނުގެންދަން ނިންމީ އޭގެ ސަބަބުން ތިމާވެއްޓަށް ލިބޭނެ ގެއްލުންތަކަށް ބެލުމަށްފަހު އެވެ.

އެ މަޝްރޫއަށް ހެދި އީއައިއޭ ރިޕޯޓްގައިވާ ގޮތުން ފައިނު އެއާޕޯޓްގެ ސަބަބުން ތިމާވެއްޓަށްއެކިވަރުގެ ގެއްލުން ތަކެއް ލިބޭނެ އެވެ. ސަބަބަކީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ގިނަ އަދަދެއްގެ ރުއްގަސް ކަނޑަން ޖެހުމެވެ.

ފައިނުގައި އެއާޕޯޓް އެޅުމަށް ރަށުގައި ގަސް ހެދިފައިވާ ސަރަަހައްދުގެ 38 ޕަސެންޓް ސުންނާފަތިކުރަން ޖެހެ އެވެ. ރިޕޯޓްގައިވާ ގޮތުން އެއީ 5،792 ގަހެވެ. މިހާ ބޮޑު ސަރަހައްދަކުން ގަސް ކަނޑާ، އުފުރާ ހުސް ކުރުމުން މިހިސާބުގެ ވެއްޔާއި، ފެންފަށަލައާއި ރަށުގެ ފިނިހޫނު މިނަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.