އިލެކްޝަންސް ކޮމިޝަން

ވޯޓުފޮށި ނުބެހެއްޓޭތީ އެހެން ފޮއްޓަކަށް ރީ-ރަޖިސްޓްރީވުމަށް ހުޅުވާލައިފި

އަންނަ ރިޔާސީ އިންތިހާބުގައި ވޯޓުފޮށި ބަހައްޓާ އަދަދަށް މީހުން ރަޖިސްޓްރީ ނުވާތީ ވޯޓުފޮށި ނުބެހެއްޓުމަށް ނިންމި ތަންތަނަށް ވޯޓުލުމަށް ރަޖިސްޓްރީކުރި މީހުން އެހެން ވޯޓު ފޮއްޓަކަށް ރީ-ރަޖިސްޓްރީވުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފި އެވެ.

އެ ކޮމިޝަނުން ކުރި އިއުލާނެއްގައި ބުނީ ރިސޯޓުތަކާއި ސިނާއީ މަސައްކަތްކުރާ ތަންތަން އަދި ރާއްޖެއިން ބޭރުގައި ވޯޓުލުމަށް ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ވޯޓުފޮށިތަކަށް ރަޖިސްޓަރީވެފައިވާ މީހުންގެ އަދަދު، ކަނޑައެޅިފައިވާ އަދަދަށްވުރެއް މަދުވުމުން ބައެއް ވޯޓުފޮށިތައް ނުބެހެއްޓުމަށް ނިންމާފައިވާ ކަމަށެވެ.

ކަނޑައެޅިފައިވާ އަދަދަށް މީހުން ރީ-ރަޖިސްޓްރީނުވުމުން ރާއްޖެއިން ބޭރުގެ ހަތަރު ވޯޓުފޮށި ނުބެހެއްޓުމަށް ވަނީ ނިންމާފަ އެވެ. މީގެ އިތުރުން ކ. ތިލަފުއްޓާއި 18 ރިސޯޓުގައި ވޯޓުފޮށި ނުބެހެއްޓުމަށް ވަނީ ނިންމާފަ އެވެ.

ކަނޑައެޅިފައިވާ އަދަދަށް މީހުން ރަޖިސްޓްރީނުވުމުން ވޯޓުފޮށި ނުބަހައްޓާ ތަންތަން

  • އިންޑިއާ - ނިއު ދިއްލީ
  • ސިންގަޕޫރު
  • ތައިލެންޑް
  • ޖަޕާން
  • ކ. ތިލަފުށި
  • ށ. ގާކޮށިބީ - ސިއްރުފެންފުށި
  • ނ. މެދުފަރު - ސޮނޭވާ ޖާނީ
  • ރ. ފާރުފުށި - އެމެރަލްޑް ފާރުފުށި ރިސޯޓް އެންޑް ސްޕާ
  • ރ. މާމިގިލި - ކޯރާ ކޯރާ މޯލްޑިވްސް
  • ރ. ބޮޑުފުށި - ޖޯލި ބީންގް
  • ބ. ކުންފުނަދޫ އައިލެންޑް - ސޮނޭވާފުށި ރިސޯޓް
  • ޅ. ތިލަމާފުށި އެންޑް ބޮޑުފިނޮޅު - ލެ މެރީޑިއަން މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ
  • ޅ. ހުރަވަޅި - ހުރަވަޅި އައިލަންޑް ރިސޯޓް
  • ޅ. ކަނުހުރާ - ކަނުހުރާ
  • ކ. މަޑިވަރު - ވަރު އައިލަންޑް ރިސޯޓް
  • އދ. މޫފުށި - ކޮންސްޓަންސް މޫފުށި ރިސޯޓް
  • އދ. އަތުރުގައު - ޑައިމަންޑް އަތުރުގާ ބީޗް އެންޑް ވޯޓާ ވިލާސް
  • ވ. އާރަށް - ސިނަމަން ވެލިފުށި މޯލްޑިވްސް
  • ދ. މީދުއްފުށި - ސަން ސިޔާމް ވިލުރީފް މޯލްޑިވްސް
  • ތ. މާލެފުށި - ކޯމޯ މާލިފުށި
  • ގއ. މާމުތާ - ޕުލްމޭން މޯލްޑިވްސް މާމުތާ ރިސޯޓް
  • ގއ. ދިގުރަށް - ދަ ރެސިޑެންސް މޯލްޑިވްސް އެޓް ދިގުރަށް
  • ގދ. މަގުއްދުވާ - އަޔަޑާ މޯލްޑިވްސް

މި ފޮށިތަކުގައި ރަޖިސްޓްރީކޮށްފައިވާ، ވޯޓު ފޮށި ބެހެއްޓޭނެކަން މިހާރު ކަށަވަރުވެފައިވާ ތަންތަނަށް ރަޖިސްޓަރީ ކުރުމުގެ ފުރުސަތު މިއަދު ހެނދުނު 8:30 އިން ފެށިގެން ހަވީރު 4:00ގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީވެފައިވާ ތަން ބަދަލުކުރެވޭނީ މި އިއުލާނުގައިވާ ފޮށިތަކަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ މީހުން އެކަންޏެވެ.

ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ އޮންލައިންކޮށް އިލެކްޝަންސް ކޮމިޝަންގެ ރީ-ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށް ނުވަތަ މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން އެރަށެއްގެ ކައުންސިލް އިދާރާއިންނާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނާއި ކުޅުދުއްފުށި ސިޓީގެ ކައުންސިލް އިދާރާއިންނެވެ. މާލޭގައިނަމަ، އިންތިހާބާ ބެހޭ މަރުކަޒު -- ދަރުބާރުގެ އިންނެވެ.

ރީ-ރަޖިސްޓަރީވުމަށް އެދޭ ފޯމު ކޮމިޝަންގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުން ލިބެން ހުންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ރާއްޖެއިން ބޭރުގައިނަމަ ފޯމު ދޫކޮށް ބަލައިގަންނާނީ ރާއްޖެއިން ބޭރު ޤައުމުތަކުގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓް އޮފިސްތަކުންނާއި ދިވެހިރާއްޖޭގެ ހައިކޮމިޝަންތަކުން އަދި ދިވެހިރާއްޖޭގެ އެމްބަސީތަކުން، ކޮންމެ ދުވަހެއްގެ ހެނދުނު އެގައުމެއްގެ ގަޑިން 10:00 އިން ހަވީރު 03:00 އަށް ކަމަށެވެ.

މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ބަދަލު ނުކުރާ މީހުންނަށް ވޯޓު ލެވޭނީ ރަށްވެހިވެފައިވާ ރަށުގައި ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.