އިލެކްޝަންސް ކޮމިޝަން

މޮނިޓަރުންނާއި އޮބްޒާވަރުންނަށް އިތުރު ފުރުސަތެއް

އަންނަ ރިޔާސީ އިންތިހާބު އޮބްޒާވް ކުރުމަށާއި މޮނިޓާ ކުރުމަށް އެދި ހުށަހެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން މިއަދު އިތުރުކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ އުންމީދުކުރި ވަރަށް ރާއްޖޭގެ މޮނިޓަރުންނާއި އޮބްޒާވަރުންގެ ތަރުހީބު ނުލިބޭ ކަމަށެވެ.

އިސްމާއީލް ހަބީބު ވިދާޅުވީ ކޮމިޝަންގެ މެންބަރުން މަޝްވަރާކުރުމަށްފަހު އެ ފުރުސަތު އަންގާރަ ދުވަހުގެ ހަވީރު 3:00 އާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ. މޮނިޓަރުންނާއި އޮބްޒާވަރުންނަށް ކުރިން ހުޅުވާލި ފުރުސަތު ހަމަވާނީ މިއަދު ހަވީރު 3:00 އަށެވެ.

"ޕާޓީތަކުންވެސް އެބަ އެދިވަޑައިގަންނަވާ އޮބްޒާވަރުންގެ ފުރުސަތެއް ދޭން،" އިސްމާއީލް ހަބީބު ވިދާޅުވި އެވެ.

އިސްމާއީލް ހަބީބު ވިދާޅުވީ މޮނިޓަރުންނާއި އޮބްޒާވަރުންނަށް ދެން ވަގުތު އިތުރުކޮށް ނުދޭނެ ކަމަށެވެ.

ރިޔާސީ އިންތިހާބުގައި ބަހައްޓާ ވޯޓުފޮށިތަކަށް ކެންޑިޑޭޓުން މަންދޫބުން ކަނޑައެޅުމުގެ ފުރުސަތު މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ.

އަންނަ ރިޔާސީ އިންތިހާބުގައި ފަސް ސިޔާސީ ޕާޓީއަކުން އަދި އަމިއްލަ ގޮތުން ކެންޑިޑޭޓުން ވާދަކުރައްވަ އެވެ. މިއީ ރިޔާސީ އިންތިހާބެއްގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރައްވާ އިންތިހާބެވެ.

ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު އެވެ.