ރިޔާސީ އިންތިހާބު 2023

ރިޔާސީ އިންތިހާބުގެ މޮނިޓަރުންނާއި އޮބްޒާވަރުންނަށްވުމަށް 8،152 މީހުން ހުށަހަޅައިފި

އަންނަ ރިޔާސީ އިންތިހާބު މޮނިޓާކޮށް އޮބްޒާވްކުރަން 8،152 މީހުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު މިއަދު ވިދާޅުވީ ރިޔާސީ އިންތިހާބު 2023 މޮނީޓާ ކުރުމަށް ރާއްޖޭގެ މީޑިއާތަކުން މޮނިޓަރުންގެ ގޮތުގައި 4،545 އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށެވެ.

މީގެ އިތުރުން އިންތިހާބުގެ އޮބްޒާވަރުންގެ ގޮތުގައި، ސިޔާސީ ޕާޓީތަކުންނާއި، ޖަމްއިއްޔާ ޖަމާއަތްތަކުންނާއި އަމިއްލަ ގޮތުން ކުރިމަތިލެއްވި ބޭފުޅުންނާއެކު 3،607 އެޕްލިކޭޝަން އެ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.

ހަބީބު ވިދާޅުވީ އެޕްލިކޭޝަންތަކުގެ މައުލޫމާތު ކަށަވަރުކޮށް އެކްރެޑިޓް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި މޮނިޓަރުންނާއި އޮބްޒާވަރުން ގިނަވުމަކީ ލިބޭ ހިތްވަރެއް ކަމަށެވެ.

"ރިޔާސީ އިންތިހާބުގައި 574 ވޯޓުލާ މަރުކަޒު ގާއިމް ކުރެވޭއިރު، ކޮންމެ ވޯޓުލާ މަރުކަޒެއްގައި ރާއްޖެއިން ގާތްގަނޑަކަށް 14 ބޭފުޅުން އިންތިހާބު އޮބްޒާވްކޮށް މޮނިޓާ ކުރުމަކީ އިންތިހާބުގެ ކަންކަން ގާނޫނާއި ގަވާއިދުގެ އިމުގެ ތެރެއިން ކުރިޔަށް ގެންދިޔުމަށް، އީސީއަށް ލިބިގެންދާ ވަރަށް ބޮޑު ހިތްވަރެއް. އަދި ހިތްހަމަ ޖެހުމެއް،" އިސްމާއީލް ހަބީބު ވިދާޅުވި އެވެ.

އިސްމާއީލް ހަބީބު ވިދާޅުވީ ރާއްޖޭގެ މޮނިޓަރުންނާއި އޮބްޒާވަރުންގެ އިތުރުން އިންޓަނޭޝަނަލް އޮބްޒާވަރުންނާއި މޮނިޓަރުންގެ އޮބްޒަވޭޝަންތަކާއެކު މިއަހަރުގެ ރިޔާސީ އިންތިހާބު ވެގެންދާނީ އެންމެ ރަނގަޅަށް، އެންމެ ގިނަ އަދަދެއްގެ ބޭފުޅުން، އޮބްޒާވްކޮށް މޮނިޓާ ކުރެވޭނެ އިންތިހާބަށް ކަމަށެވެ.