ކްރިމިނަލް ކޯޓް

ޖޫރިމަނާ ނުދެއްކި މީހަކު ޖަލު ހުކުމް ތަންފީޒުކުރަން ޖެހިއްޖެ

ޖަލު ހުކުމްގެ ލުޔެއްގެ ގޮތުން ކުރި ޖޫރިމަނާ ކުރުމުގެ އަދަބު ހުކުމްގައިވާ ގޮތަށް ނުދެއްކި މީހަކު ޖަލު ހުކުމް ތަންފީޒުކުރަން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

ހުކުމާއި އެއްގޮތަށް ޖޫރިމަނާ ނުދެއްކުމުން ޖަލު ހުކުމް ތަންފީޒުކުރަން ހުކުމްކުރީ އދ. ހަންޏާމީދޫ މީހެއްގެ މައްޗަށެވެ.

އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ ސާބިތުވެ ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް އިއްވީ ހަ މަހާއި 25 ދުވަހުގެ ޖަލު ހުކުމެކެވެ. ނަމަވެސް ލުޔެއްގެ ގޮތުގައި ޖޫރިމަނާއަކަށް ބަދަލުކޮށް 41،000 ރުފިޔާއިން ޖޫރިމަނާކޮށް އެ ފައިސާ 10 މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ -- މީރާއަށް ދެއްކުމަށް ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް ހުކުމްކުރީ ޖުލައި 24، 2022 ގަ އެވެ.

އޭނާ ޖޫރިމަނާ ނުދެއްކުމުން އަދަބު މުރާޖައާކޮށް ދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ވަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފަ އެވެ.

އަދަބު މުރާޖައާކުރުމުގެ މައްސަލައިގައި އޭނާ ބުނީ ޖޫރިމަނާގެ ފައިސާ ނުދައްކާ ހުރީ އެ ފައިސާ ދެއްކުމަށް އެއްވެސް ފަރާތަކުން އަންގާފައިނުވާތީ ކަމަށާއި މައްސަލަ ނިމުނު ގޮތް އެނގޭނެ އެއްވެސް ލިޔުމެއް ހަވާލުނުކުރާތީ ކަމަށެވެ.

އޭނާ އެހެން ބުނި ނަމަވެސް ޝަރީއަތުން ބެލިބެލުމުނުް މައްސަލަ ނިންމި ގޮތުގެ ރިޕޯޓާއި އޭނާ ހަވާލުވެފައިވާކަން އެނގެ އެވެ. މީގެ އިތުރުން "ޝަރީއަތް ނިމުނުގޮތް ހަވާލުކުރާ ސްލިޕް"ގައި ވަނީ އޭނާގެ ސޮއިކަމަށް ދައުވާ ލިބޭ މީހާ ވަނީ އެއްބަސްވެފަ އެވެ.

ޖޫރިމަނާ ކުރުމުގެ އަދަބު ހުކުމްގައިވާ ގޮތަށް އޭނާ ތަންފީޒުކޮށްފައިނުވާކަން ޝަރީއަތަށް ސާބިތުވާތީ ޖޫރިމަނާކުރުމުގެ އަދަބު މުރާޖައާކޮށް އޭނާ ތަންފީޒުކުރަންޖެހޭ އަދަބަކީ ޖަލު އަދަބު ކަމަށްވާ ހަ މަހާއި 25 ދުވަހުގެ ޖަލު އަދަބު ކަމަށް ވަނީ ކަނޑައަޅާފަ އެވެ.