ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ފުލުހުންގެ ހާއްސަ ތަމްރީން ޕްރޮގްރާމެއް ނ. ރ. އަދި ބ. އަތޮޅު ހިމެނޭ ނޯތު ޕޮލިސްގައި ކުރިއަށް ގެންގޮސްފި އެވެ.
ފުލުހުން ބުނީ މިއީ އެ ތިން އަތޮޅުގެ ކުއިކް ރިއެކްޝަން ޓީމުގައި މަސައްކަތްކުރާ ފުލުހުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ޕަބްލިކް އޯޑަ ރިފްރެޝަ ޕްރޮގްރާމެއް ކަމަށެވެ.
ނޯތު ޕޮލިސްގެ 36 ފުލުހުން ބައިވެރިވި މި ޕްރޮގްރާމު ކުރިއަށް ގެންދިޔައީ މިމަހުގެ 12 އިން 16 އަށް ރ. އުނގޫފާރު ގައެވެ.
މިޕްރޮގްރާމުގައި ގާނޫނާއި ގަވާއިދާ ހިލާފަށް އެއްވާ އެއްވުންތައް ގާނޫނާއި ގަވާއިދުތަކާއި އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްއާ އެއްގޮތްވާ ގޮތުގެ މަތިން ރޫޅާލުމުގެ ހުނަރުތަކާއި ފުލުހުންގެ ބެލުމުގެ ދަށަށް މީހުން ގެނައުމަށް ބޭނުންކުރާ އުކުޅުތައް ކިޔައިދީފައިވެ އެވެ.
މީގެއިތުރުން އިންތިހާބުގައި ގާނޫނީގޮތުން ފުލުހުން އަމަލުކުރާނެ ގޮތްތަކުގެ މައުލޫމާތު ހިއްސާކޮށްފައިވެ އެވެ. އަދި ޕަބްލިކް އޯޑަ ހާލަތްތަކުގައި ބޭނުންކުރާ ފޯމޭޝަންތަކާއި ޑްރިލްތަކުގެ ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައިވެ އެވެ.
ރިޔާސީ އިންތިހާބުގެ ވޯޓުލުން އަންނަ މަހުގެ ނުވަވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު އިންތިހާބަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ.