ހުޅުމާލެ

ބިން ހިއްކަންވެގެން ހުޅުމާލެ ފަޅުގައި ހުރި އުޅަނދުތަކެއް ނަގަން އަންގައިފި

ގޯތި ދޫކުރުމަށް ބިން ހިއްކުމަށް ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފަޅުތެރޭގައި ހުރި އުޅަނދުތަކެއް ނަގަން އަންގައިފި އެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފަޅުގައި ހުރި އުޅަނދުތަކެއް ނަގަން އާބަންކޯ އިން އަންގާފައިވާއިރު އާބަންކޯ އިން ބުނީ އުޅަނދުތައް ނަގަނީ ޕްރޮޖެކްޓަކަށް ކަމަށެވެ. ނަމަވެސް ތަފުސީލެއް ހާމައެއް ނުކުރެ އެވެ.

ހުޅުމާލެ 1 އަދި ހުޅުމާލެ 2ގެ ފަޅުގެ ސަރަހައްދުގެ ޗާޓެއް އާންމުކޮށް އާބަންކޯ އިން ވަނީ ހުސްކުރުމަށް ބޭނުންވާ އޭރިއާ 1 ސަރަހައްދު ރަތްކުލައިން ފާހަގަކޮށްފަ އެވެ. އަދި އޭރިއާ 2 ބޭނުންކުރުމުގައި އޭރިއާ 1 ގެ މަސައްކަތް ކުރުމަށް އުނދަގޫނުވާނެ ގޮތައް އަމަލުކުރުމަށް އެދިފަ އެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފަޅުތެރޭގައި އަޅާފައިވާ އުޅަނދުތަކާއި އަޑިއަށް ގޮސްފައިވާ އުޅަނދުތައް އެސަރަހައްދުން ނެގުމަށް އާބަންކޯ އިން ވަނީ މިއަދުން ފެށިގެން 10 ދުވަސް ދީފަ އެވެ.

އެ މުއްދަތުގައި ނުނަގާ އުޅަނދުތަކަށް ކަނޑައެޅިފައިވާ އުސޫލުގެ ދަށުން އަމަލުކުރެވޭނެ ކަމަށް އާބަންކޯ އިން ވަނީ ބުނެފަ އެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހި ފަޅުގައި ހުރި އުޅަނދުތައް ނަގަން އާބަންކޯ އިން އަންގާފައިވާއިރު މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށްޓަކައި ހުޅުމާލެ އަނެއްކާވެސް ހިއްކުމަށް ވަނީ ނިންމާފަ އެވެ.