ހދ. ހަނިމާދޫ އެއާޕޯޓުގައި ތަރައްގީކުރަމުން އަންނަ އާ ރަންވޭގެ އެއްބައި ނިންމާ އަންނަ މަހު ބޭނުންކުރަން ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ހާމަކޮށްފި އެވެ.
ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން 2.24 ކިލޯމީޓަރުގެ ރަންވޭއެއް ތަރައްގީކުރާއިރު ރަންވޭގެ ދެކުނު ފަޅިން ތަރައްގީކުރާ 1.4 ކިލޯމީޓަރުގެ ރަންވޭ ސަރަހައްދު މިމަހުގެ ނިޔަލަށް ހުޅުވޭވަރު ވާނެ ކަމަށް މަޝްރޫއު ކުރިއަށް ގެންދާ ޖޭއެމްސީން ވަނީ ބުނެފަ އެވެ.
ރީޖަނަލް އެއާޕޯޓްސް އިން ބުނީ 1.4 ކިލޯމީޓަރުގެ ސަރަހައްދުގެ މަސައްކަތް ނިންމާ ރަންވޭގެ އެ ސަރަހައްދު ބޭނުންކުރަން ފެށުމާއެކު މިހާރު ބޭނުންކުރަމުންދާ ރަންވޭ ބަންދުކުރާނެ ކަމަށެވެ.
ހަނިމާދޫ އެއާޕޯޓުގައި މިހާރު ބޭނުންކުރާ ރަންވޭއިން އަލަށް ހަދާ އަންވޭއަށް 600 މީޓަރުގެ ސަރަހައްދެއް ނަގަ އެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު ފައްޓަވައިދެއްވީ މިއަހަރުގެ ޖެނުއަރީ 18 ވަނަ ދުވަހު އެވެ.
މި މަޝްރޫއުގެ ދަށުން މިހާރު ހަނިމާދޫގައި އޮތް 1.8 ކިލޯ މީޓާރުގެ ރަންވޭ ބޮޑު ކުރާނެ އެވެ. އެގޮތުން އަލަށް ތަރައްގީކުރާ ރަންވޭގައި 2.24 ކިލޯ މީޓަރު ހުންނާނެ އެވެ. އަދި އާ ޓާމިނަލް އަޅާނީ އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭ ވަރަށެވެ. މީގެ އިތުރުން ހަނިމާދޫ އެއާޕޯޓު ތަރައްގީކޮށް ނިމުމުން އެ އެއާޕޯޓުގައި 2،461 މެޓްރިކް ޓަނުގެ ތެޔޮ ރައްކާ ކުރެވޭނެ ފެސިލިޓީއެއް ހުންނާނެ އެވެ.
ހަނިމާދޫ އެއާޕޯޓް ތަރައްގީކޮށް ނިމުމުން ބައިނަލްއަގްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް A320 އާއި ބޯއިންގް 737 ސައިޒުގެ ބޯޓުތަކަށް ހިދުމަތް ދެވޭނެ އެވެ.