އިލެކްޝަންސް ކޮމިޝަން

ރިޔާސީ އިންތިހާބުގައި ބޭރުގެ 143 އޮބްޒާވަރުންނާއި 22 މޮނިޓަރުން

އަންނަ ރިޔާސީ އިންތިހާބުގައި ހަރަކާތްތެރިވުމަށް ބައިނަލްއަގުވާމީ 143 އޮބްޒާވަރުންނަށް އަދި ބައިނަލްއަގްވާމީ 22 މޮނިޓަރުންނަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދީފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ އެ ކޮމިޝަނުން ހުއްދަ ދިން އޮބްޒާވަރުންގެ ތެރެއިން 31 އޮބްޒާވަރުންނަކީ އެ ކޮމިޝަނުން ހާއްސަ ދައުވަތުދީފައިވާ އޮބްޒާވަރުން ކަމަށާއި އެ އޮބްޒާވަރުން ރާއްޖޭގެ ހަ ސަރަހައްދެއްގައި އިންތިހާބުގެ ކަންކަން އޮބްޒާވްކުރާނެ ކަމަށެވެ.

އޮބްޒާވާ ގްރޫޕުގެ ޗީޕް އޮބްޒާވަރެއްގެ ގޮތުގައި ހަރަކާތްތެރިވާނީ ލަންކާގެ ކުރީގެ ޗީފް އިލެކްޝަންސް ކޮމިޝަނާ ވަރުނަސިރީ މަހިންދަދޭޝް ޕްރިޔާ އެވެ.

އިސްމާއީލް ހަބީބު ވިދާޅުވީ ރިޔާސީ އިންތިހާބުގައި އީޔޫ އިން 40 އޮބްޒާވަރުން އަދި ކޮމަންވެލްތުން 21 އޮބްޒާވަރުން ހަރަކާތްތެރިވާނެ ކަމަށާއި 20 ގައުމުން އޮބްޒާވަރުން ހަރަކާތްތެރިވާނެ ކަމަށެވެ.

އިންތިހާބު އޮބްޒާވްކުރާ ގައުމުތައް

  • އެމެރިކާ
  • އިނގިރޭސިވިލާތް
  • ޖަޕާން
  • ދެކުނު ކޮރެއާ
  • ދެކުނު އެފްރިކާ
  • ކެމަރޫން
  • ޖޯޑަން
  • ޖޯޖިއާ
  • ހޮންޑިއުރަސް
  • އެލް ސަލްވަޑޯ
  • އުޒްބަކިސްތާން
  • އިންޑިއާ
  • ޕާކިސްތާން
  • ބަންގްލަދޭޝް
  • ނޭޕާލް
  • ބޫޓާން
  • ސްރީލަންކާ
  • ތައިލެންޑް
  • މެލޭޝިއާ
  • ފިލިޕީންސް

އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި އަންނަ ރިޔާސީ އިންތިހާބުގައި ހަތަރު ގައުމެއްގެ 22 މޮނިޓަރުން ހަރަކާތްތެރިވާނެ އެވެ. އެގޮތުން ފްރާންސް، ޖަޕާން، އިންޑިއާ އަދި ލަންކާގެ މޮނިޓަރުން ރިޔާސީ ހަރަކާތްތެރިވާނެ ކަމަށް އިސްމާއީލް ވިދާޅުވި އެވެ.