އިލެކްޝަންސް ކޮމިޝަން

އިންތިހާބުގައި އަމިއްލައަށް ވޯޓުލުމަށް ލޯފަން މީހުން ތަމްރީންކުރަނީ

އަންނަ ރިޔާސީ އިންތިހާބުގައި ފެނުމުން މަހުރޫމްވެފައިވާ މީހުން އަމިއްލައަށް ވޯޓުލުމަށް ތަމްރީންކުރުމުގެ ޕްރޮގްރާމް މާދަމާ ފަށާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ ލޯފަން މީހުން ހޭލުންތެރިކުރުވުމަށް ޕްރޮގްރާމް ހިންގާ މީހުން މިހާރު ތަމްރީންކޮށްފައިވާ ކަމަށާއި މާލޭގެ އިތުރުން ބައެއް އަތޮޅުތަކުގައި އެ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

ލޯފަން މީހުންނަށް އިންތިހާބުތަކުގައި މީހެއްގެ އެހީއާ ނުލާ ވޯޓުލެވޭނެ ގޮތް ބްލައިންޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ހުށަހެޅުމުން އެ ގޮތަށް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނު އިސްލާހުކޮށް ވަނީ ތަސްދީގުކޮށްފަ އެވެ.

އެގޮތުން ލޯފަން މީހުން އެހެން މީހެއްގެ އެހީތެރިކަމާ ނުލައި ވޯޓު ކަރުދާހުގައި އަމިއްލައަށް ފާހަގަޖެހުމަށް އެދޭނަމަ ޓެމްޕްލޭޓު ބޭނުންކުރެވޭ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ.

މި ޓެމްޕްލޭޓަކީ ވޯޓު ކަރުދާސް އޭގެ ތެރެއަށް ލައިގެން ނުވަތަ ވޯޓު ކަރުދާހުގެ މަތީގައި ވަގުތީ ގޮތުން ހަރުކޮށްގެން، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވޯޓުލުމަށް އެހީތެރިވެދޭ ގޮތަށް ތައްޔާރުކޮށްފައިވާ އެއްޗެކެވެ.

ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު ނުވަ ވަނަ ދުވަހު އެވެ. މި އިންތިހާބުގައި ނުވަ ކެންޑިޑޭޓުން ވާދަކުރައްވާއިރު ދެވަނަ ބުރަކަށް ގޮސްފިނަމަ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ ސެޕްޓެމްބަރު 30 ވަނަ ދުވަހު އެވެ.