މޯލްޑިވްސް ޕޮލިސް ސާވިސް

ވީއައިއޭ އިން ފެނުނު ޑޮލަރުތަކެއްގެ ވެރިފަރާތް ހޯދަނީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފެނުނު ޑޮލަރުތަކެއްގެ ވެރިފަރާތް ހޯދަން އިއުލާނުކޮށްފި އެވެ.

ފުލުހުން ބުނި ގޮތުގައި މި ޑޮލަރުތައް ފެނިފައިވަތީ އިއްޔެ އިރުއޮއްސި 6:28 ހާއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިންޓަނޭޝަނަލް ޓާމިނަލް ކަފިހިހުރަސް ސަރަހައްދުންނެވެ.

ފެނިފައިވަނީ ކިހާ ޑޮލަރެއް ކަމެއް ފުލުހުން ބުނެފައެއް ނުވެ އެވެ.

މި ފައިސާތަކުގެ ވެރިފަރާތް ހޯދުމަށްޓަކައި މިހާތަނަށް ކުރި މަސައްކަތުން މި ފައިސާތަކުގެ ވެރިފަރާތް ހޯދިފައި ނުވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފައިސާތަކުގެ ވެރިފަރާތުން، އެއީ ކާކުކަން އެނގޭނެ ލިޔުމަކާއެކު އެއާޕޯޓް ޕޮލިހަށް ހާޒިރުވުމުން ފައިސާތައް ހަވާލުކުރާނެ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.