ފާރިސް މައުމޫން

ފައިސާ ބަހާވަރުން ވޯޓު ދޭނީ ފައިސާއަށް ކަމަށް ރައްޔިތުން ބުނޭ: ފާރިސް

އަންނަ ރިޔާސީ އިންތިހާބަށް ބައެއް ކެންޑިޑޭޓުން ފައިސާ ބަހާވަރުން ވޯޓު ދޭނީ ފައިސާއަށް ކަމަށް ރައްޔިތުން ފާޅުގައި ބުނަމުންދާ ކަމަށް ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ އަހުމަދު ފާރިސް މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވާ ފާރިސް ވިދާޅުވީ ރިޔާސީ އިންތިހާބާއި ގުޅޭ ގޮތުން ކަންބޮޑުވާ ވަރަށް ގިނަ ކަންކަން ފާހަގަކުރެވެމުންދާ ކަމަށެވެ.

އެގޮތުން ކެންޑިޑޭޓުން ރަށްރަށަށް ވަޑައިގަންނަވާއިރު ފައިސާ ހިފައިގެންދާ ކަމަށް އެ ރަށްރަށުގެ ރައްޔިތުން ބުނަމުންދާ ކަމަށް ފާރިސް ވިދާޅުވި އެވެ.

"ބައެއް ރައްޔިތުން މާޔޫސްވެގެން އެބަ ބުނޭ އަޅުގަނޑުމެންނާ ދިމާލަށް އެތައް ފަހަރެއްގެ މަތިން ވޯޓުލައިފީމޭ އެއްވެސް ކަމެއް ބަދަލެއް ނުވެޔޭ. މިފަހަރު ވޯޓު ދޭނީ ފައިސާ ގެންނަ މީހަކަށޭ،" ފާރިސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރިޔާސީ އިންތިހާބާ ކައިރިކޮށް ދައުލަތުން ބޮޑެތި މަޝްރޫއުތައް އިއުލާނުކުރަމުންދާ ކަމަށާއި ނިމިފައިހުރި މަޝްރޫއުތައް އިފުތިތާހުކުރަމުން ދިއުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

މީގެ އިތުރުން ވޯޓަށް ނުފޫޒު ފޯރުވުމަށް ކުއްލި ގޮތަކަށް ވަރަށް ގިނަ ވަޒީފާތަކެއް އުފައްދާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

"ވަޒީފާއަކީ މިހެންދޭންޖެހޭ އެއްޗެއް ނޫން. ވަޒީފާއަކީ އެމީހަކަށް ހައްގު ވަޒީފާއެއް އަދާކުރުމުގެ ފުރުސަތު އޮންނަންޖެހޭ އެއްޗެއް،" ފާރިސް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ސަރުކާރުގެ ގޯތި ދޫކުރި ގޮތުން ބައެއް މީހުންގެ ކަންބޮޑުވުން އެބަހުރި ކަމަށާއި އެކަންކަން ބަލަމުންދާ ކަމަށެވެ.