ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ކެމްޕޭންގައި ރައީސް ސޯލިހު 100 ވަނަ ރަށަށް

ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރިޔާސީ ކެމްޕޭން ދަތުރުފުޅުތައް ފެއްޓެވިފަހުން ރާއްޖޭގައި މީހުން ދިރިއުޅޭ 100 ވަނަ ރަށަށް ވަޑައިގެންފި އެވެ.

ރިޔާސީ އިންތިހާބުގައި 100 ވަނަ ރަށަކަށް ރައީސް ސޯލިހު މިއަދު ވަޑައިގަތީ ބ. ކަމަދޫ އަށެވެ.

ރައީސް ސޯލިހު ރިޔާސީ އިންތިހާބުގެ ކެމްޕޭން ފެއްޓެވީ މިދިޔަ ޖުލައި ނުވަވަނަ ދުވަހު އެވެ. ކެމްޕޭންގައި ރައީސް އެންމެ ފުރަތަމަ ވަޑައިގަތީ ށ. ކޮމަންޑޫ އަށެވެ. ނަމަވެސް ކެމްޕޭން ރަސްމީކޮށް ފެށީ އެ ދުވަހުގެ ށ. ފޯކައިދޫ ގައެވެ.

ކެމްޕޭންގައި ރައީސް ސޯލިހު މިދިޔަ ހަފުތާގައި އއ. އަތޮޅަށް ދަތުރުފުޅު ކުރައްވަމުން ގެންދަވަނިކޮށް އެމަނިކުފާނުގެ ސިއްހީ ހާލަތު މާބޮޑަށް ގޯސްވުމުން ދަތުރުފުޅު ކުރުކޮށްލެއްވި އެވެ. އެއަށްފަހު އަލުން ދަތުރުފުޅުތައް އިއްޔެ ފެއްޓެވީ ބ. އަތޮޅުންނެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ރައީސް ސޯލިހު މިހާތަނަށް ވަނީ ހއ. ށ. ނ. ބ. އއ. ވ، މ، ދ. ގއ. ގދ. އަދި ފުވައްމުލަކަށް ވަޑައިގެންފަ އެވެ.

އަންނަ ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ރައީސް ސޯލިހުގެ އިތުރުން ހަތް ކެންޑިޑޭޓުން ވާދަކުރައްވާއިރު އެމަނިކުފާނު ވަޑައިގެންނެވި ރަށްރަށާއި ގާތްކުރާ އަދަދަށްވެސް އެހެން ކެންޑިޑޭޓަކު ރަށްރަށަށް ވަޑައިގެންފައެއް ނުވެ އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން ދެން އެންމެ ގިނަ ރަށްރަށަށް މިހާތަނަށް ވަޑައިގެންނެވީ ދަ ޑިމޮކްރެޓްސްގެ ރިޔާސި ކެންޑިޑޭޓް އިލްޔާސް ލަބީބު އާއި މޯލްޑިވްސް ނެޝަނަލް ޕާޓީ -- އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމެވެ.