ޓޫރިޒަމް

ފަތުރުވެރިކަން 14 ޕަސަންޓް ކުރި އަރައިފި

ރާއްޖެއަށް މިއަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ 14 ޕަސަންޓް އިތުރުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 1.19 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ 145،664 ފަތުރުވެރިން އިތުރުވުމެކެވެ.

ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން އަންނަނީ ރަޝިއާ އާއި އިންޑިއާ އަދި ޗައިނާއިންނެވެ. މިއިން ކޮންމެ ގައުމަކުން އެއް ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.

ފަތުރުވެރިކަމުގެ ގަދަ 10 ގައުމު

  • ރަޝިއާ - 140،945
  • އިންޑިއާ - 131،232
  • ޗައިނާ - 114.413
  • އިނގިރޭސިވިލާތް - 98،419
  • ޖަރުމަނު - 78،307
  • އިޓަލީ - 77،562
  • އެމެރިކާ - 47،619
  • ފްރާންސް - 35،082
  • ސްވިޓްޒަލޭންޑް - 23،121
  • ސްޕެއިން - 22،954

ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް މިހާރު ރާއްޖޭގައި 1،259 ތަނެއް ހިންގަމުންދާއިރު އޭގެ ތެރޭގައި 172 ރިސޯޓާއި 912 ގެސްޓްހައުސް އާއި 162 ސަފާރީގެ އިތުރުން 13 ހޮޓާ ހިމެނެ އެވެ.