އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އާއި ޕީޕީއެމް-ޕީއެންސީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކެމްޕޭންގައި ބޭނުންކުރައްވާ ތަކެއްޗަށް ބަޔަކު ގެއްލުންދީފި އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ޏ. ފުވައްމުލައް ސިޓީ ދިގުވާޑު އަވަށުގައި ހަރުކޮށްފައިހުރި ރައީސް ސޯލިހުގެ ޕޯސްޓަރުތަކަށް ބަޔަކު ވަނީ ގެއްލުންދީފަ އެވެ.
މީގެ ކުރިން ބަޔަކު ވަނީ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރައީސް ސޯލިހު ގދ. މަޑަވެއްޔަށް ވަޑައިގެން ޖަލްސާ ބާއްވަން ތައްޔާރުކުރި ތަން ރޯކޮށްލާފަ އެވެ. މީގެ އިތުރުން ގދ. ހޯޑެއްދޫ އެމްޑީޕީ ހަރުގެއަށް ކަޅުތެޔޮ ޖަހާފަ އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ޕީޕީއެމުން މާވެޔޮމަގުގައި ދަމާފައި ހުރި ދިދަފަތިތަކަކަށް ބަޔަކު ގެއްލުންދީފައިވާއިރު ބައެއް ދިދަފަތިތައް ވަނީ ކަނޑާލާފަ އެވެ.
އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގައި އަށް ކެންޑިޑޭޓުން ވާދަކުރައްވާއިރު ކެންޑިޑޭޓުންގެ ޕޯސްޓަރުތަކާއި ވައުދުތަކުގެ ޕޯސްޓަރުތައް ދަނީ މަގުތަކާއި އިމާރާތްތަކުގައި ހަރުކުރަމުންނެވެ.