ރައީސް އަބްދުﷲ ޔާމީން

ރައީސް ގދ. ކުރެއްވި ދަތުރުފުޅު ނިންމާލައްވައިފި

ގދ. ތިނަދޫއަށާއި ގައްދޫ ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމާލެވުމަށްފަހު ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މާލެ ވަޑައިގެންފި އެވެ. ރައީސް ޔާމީން މާލެ ވަޑައިގަތީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ.

ރައީސް ޔާމީން ތިނަދޫއަށް ވަޑައިގަތީ، ތިނަދޫއަށް މުހިންމު ތިން މަޝްރޫއެއް އިފްތިތާހު ކޮށްދެއްވުމަށެވެ. ރައީސް އިއްޔެ އިފްތިތާހުކޮށްދެއްވީ ތިނަދޫގެ ނަރުދަމާގެ މަޝްރޫއާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އިތުރަށް އެރަށުގައި އަލަށް ހެދި ބަނދަރު މަޝްރޫ އެވެ. އިއްޔެ އިފްތިތާހުކުރި ތިން މަސައްކަތަކީ ވެސް ނިމުނު 2015 ވަނަ އަހަރު ސަރުކާރުން ފެށި މަސައްކަތްތަކެކެވެ. އޭގެ ތެރެއިން ނަރުދަމާގެ މަސައްކަތަކީ ސަރުކާރުން 90 މިލިއަން ރުފިޔާ ހަރަދުކޮށްގެން ނިންމި މަސައްކަތެކެވެ. އަދި ބޭރު ތޮށި ހިމާޔަތްކުރުމަށް ހިންގި މަޝްރޫއަކީ 39.5 މިލިއަން ރުފިޔާ ހަރަދުވި މަސައްކަތެކެވެ.

ތިނަދޫގެ ނަރުދަމާގެ މަސައްކަތް ނިމުމުން، އެކަން އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ ފެނަކަ ކޯޕަރޭޝަން އާ ހަވާލުކޮށްފަ އެވެ. ގދ. ގައްދޫއަށް ރައީސް ޔާމީން ވަޑައިގަތީ، ގައްދޫގެ ރައްޔިތުންނަށް ސާފު ބޯފެނުގެ ހިދުމަތް ދިނުމުގެ މަޝްރޫއު ފައްޓަވައިދިނުމަށެވެ.

ރައީސް ގައްދޫއަށާއި ތިނަދުއަށް ވަޑައިގެންނެވުމުން އެ ދެ ރަށުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔާފަ އެވެ. އެ ދެ ރަށުގެ ގިނަ އަދަދެއްގެ ބަޔަކު ވަނީ އަތިރި މައްޗަށް އެއްވެ ރައީސް އާއި ސަލާމްކުރައްވާފަ އެވެ.