ގާސިމް އިބްރާހިމް

ގާސިމުގެ ވައުދު: އެސްއެމްއީ ލޯނުތައް މައާފު

އަންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިއްޖެނަމަ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް -- ސްމޯލް އެންޑް މީޑިއަމް އެންޓަޕްރައިޒަސް (އެސްއެމްއީ) ލޯނުތައް މައާފުކޮށްދެއްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމު އިބްރާހީމު ވައުދުވެވަޑައިގެންފި އެވެ.

ރިޔާސީ އިންތިހާބުުގެ ކެމްޕޭންގައި މިއަދު އއ. މަތިވެރިއަށް ވަޑައިގެން ގާސިމު ވިދާޅުވީ ލޯނުތައް ދެއްކުމުގެ ގާބިލުކަން ރައްޔިތުންގެ ކިބައިގައި ނެތް ކަމަށާއި އެސްއެމްއީ ލޯނުތަކުގެ ބޭނުމަކީ ވޯޓު ހޯދުން ކަމަށެވެ.

"އަޅުގަނޑުގެ ސަރުކާރެއްގައި ސަރުކާރުތަކުން ދީފައި ހުރި ހުރިހާ އެސްއެމްއީ ލޯނެއް މައާފުކޮށްދޭނަން. ހެޔޮ ދެ ބިލިއަން ނުވަތަ ތިން ބިލިއަންގެ ލޯނެއް ނަގާފަ ހުއްޓަސް. ހަމަ އެދުވަހުން ފެށިގެން މައާފުކޮށްދޭނަން. ހުރިހާ ބޭފުޅުންގެ ލޯނެއް ޒީރޯ،" ގާސިމު ވިދާޅުވި އެވެ.

ގާސިމު ވިދާޅުވީ އެއްވެސް ހަމައެއް ލަމައެއް ނެތި އެސްއެމްއީ ލޯނުތައް ދެމުންދަނީ ސަރުކާރުން ބޭނުންވާ ސިޔާސީ އެޖެންޑާއެއް ހާސިލުކުރުމަށް އިންސާފެއް ނެތި ކަމަށެވެ.

ވެރިކަން ލިބިވަޑައިގެންފިނަމަ އެސްްއެމްއީ ލޯނުތައް މައާފުކޮށްދެއްވާނެ ކަމަށް ގާސިމު ވިދާޅުވެފައިވާއިރު އެމަނިކުފާނުގެ ވިލާ ފައުންޑޭޝަނުން ލޯނު ނަގައިގެން ކިޔަވާފައިވާ ދަރިވަރުންގެ ތެރެއިން ލޯން ދައްކާފައި ނުވާ ހުރިހާ ދަރިވަރުންގެ ލޯން ވަނީ މައާފުކޮށްދެއްވާފަ އެވެ.