މާރިޔާ އަހުމަދު ދީދީ

އެމްޑީޕީން އެދުނީ ބަހުސްގެ ތާރީހު ބަދަލުކުރަން

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ -- އެމްއެންޔޫ އާއި ޕީއެސްއެމް އިން އިންތިޒާމުކުރާ ބަހުސް ބާއްވާ ތާރީހު ބަދަލުކޮށްދޭން އެމްޑީޕީން އެދިއްޖެ އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ކެމްޕޭންގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ނޫސްވެރިންނާ ބައްދަލުކުރައްވާ މިއަދު ވިދާޅުވީ ބަހުސް ތާވަލުކޮށްފައިވާ އަންނަ ހުކުރު ދުވަހުގެ ރޭ އަކީ އެ ޕާޓީން މާލޭގައި ބޮޑު ޖަލްސާއެއް ބާއްވާ ރޭ ކަމަށެވެ.

ބަހުސް އާއި ޖަލްސާ ފުށުއަރާކަން ފާހަގަކުރައްވާ މާރިޔާ ވިދާޅުވީ ހުކުރު ދުވަހުގެ ރޭ ޕާޓީގެ ޖަލްސާ ކުރިއަށްދާނެ ކަމަށާއި ބަހުސްގެ ތާރީހު ބަދަލުކުރުމަށް ނުވަތަ ހައްލެއް ހޯދުމަށް އެމްއެންޔޫއާއެކު މަޝްވަރާކުރަމުންދާ ކަމަށެވެ.

އެމްޑީޕީން އެދޭ ގޮތަށް ބަހުސްގެ ތާރީހު ބަދަލުކޮށްފިނަމަ އެހެން ކެންޑިޑޭޓުންނަށް ކުރިމަތިވާނެ ދަތިތަކާ ގުޅޭ ގޮތުން ނޫސްވެރިން ސުވާލުކުރުމުން މާރިޔާ ވަނީ އެކަމުގައި އެމްޑީޕީން ކުރާނެ ކަމެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.

އެމްއެންޔޫ އާއި ޕީއެސްއެމް އިން އިންތިޒާމުކުރާ އެ ބަހުސް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުގެ ރޭ 9:00 ގަ އެވެ.

މާރިޔާ އެންމެ ފުރަތަމަ ވިދާޅުވީ ރައީސް ސޯލިހު ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހު ވަގުތު ތަން ދޭ ނަމަ ބަހުސްގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. ނަމަވެސް މިދިޔަ އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވަނީ ބަހުސްގެ ދައުވަތު ރައީސް ސޯލިހު ގަބޫލުފުޅުކުރައްވާފައިވާ ކަމަށް ވިދާޅުވެފަ އެވެ.