ރިޔާސީ އިންތިހާބު 2023

އިންތިހާބުގެ ޝަކުވާތައް އަތޮޅުތަކުން ބަލައިގަންނަން ފަށައިފި

ރިޔާސީ އިންތިހާބުގެ ޝަކުވާތައް ބަލައިގަތުމަށްޓަކައި އަތޮޅުތަކުގައި ކޮމްޕްލެއިންސް ބިއުރޯ ގާއިމުކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ޝަކުވާ ބަލައިގަތުމަށް އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީ، ކުޅުދުއްފުށި ސިޓީ ކޮމްޕްލެއިންޓްސް ބިއުރޯ އާއި ކޮންމެ އަތޮޅެއްގައި އަތޮޅު ކޮމްޕްލެއިންޓްސް ބިއުރޯ މިއަދުން ފެށިގެން ގާއިމުވެގެންދާނެ ކަމަށެވެ.

ކޮމްޕްލެއިންޓްސް ބިއުރޯއަށް ޝަކުވާ ހުށަހަޅާނީ ޝަކުވާ ފޯމުން ކަމަށާއި ޝަކުވާ ފޯމު ކޮމްޕްލެއިންޓްސް ބިއުރޯގެ އިތުރުން ކައުންސިލްތަކުގެ އިދާރާތަކުން ލިބޭނެ ކަމަށް ހަބީބު ވިދާޅުވި އެވެ.

ހަބީބު ވިދާޅުވި ގޮތުގައި ޝަކުވާ ބަލައިގަންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 08:00 ފެށިގެން މެންދުރުފަހު 3:00 އަށް އަދި ހުކުރު ދުވަހު މެންދުރުފަހު 2:00 އިން ހަވީރު 5:00 އަށެވެ.

އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ޝަކުވާތައް ބަލައިގަތުމަށް އިންތިހާބާބެހޭ މަރުކަޒު -- ދަރުބާރުގޭގައި މިދިޔަ ޖުލައި މަހުގެ ތެރޭގައި ގައުމީ ކޮމްޕްލެއިންޓްސް ގާއިމުކޮށް ދަނީ ޝަކުވާ ބަލައިގަންނަމުންނެވެ.