ކްރިމިނަލް ކޯޓް

ސްޓެޕް އައްޔަގެ ބަންދަށް 15 ދުވަސް

މީހަކު ރަހީނުކޮށް އޭނާގެ ފައިސާތައް ފޭރުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މަޝްހޫރު ނެށުންތެރިޔާ އަލީ ޝާހިދު (ސްޓެޕް އައްޔަ)ގެ ބަންދަށް ކޯޓުން 15 ދުވަސް ދީފި އެވެ.

މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން އައްޔަ އާއި އިތުރު ބަޔަކު ހައްޔަރުކުރީ އިއްޔެގެ ވަގުތެއް ގައެވެ.

ހައްޔަރުކުރި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިކުރުމުން ކޯޓުން ވަނީ އައްޔަގެ ބަންދަށް 15 ދުވަސް ދީފަ އެވެ.

ފުލުހުން ތުހުމަތުކުރާ ގޮތުގައި މާލޭގެ ގެއެއް ތެރޭގައި މީހަކު ރަހީނުކޮށް އަނިޔާކުރުމުގައި ސްޓެޕް އައްޔަ އާއި އިތުރު ބަޔަކު ބައިވެރިވެ އެވެ. މީހަކު ރަހީނުކޮށް އެ މީހާގެ ބޭންކް އެކައުންޓުން ފައިސާ ޓްރާންސްފާކޮށްފައިވާ ކަމަށްވެސް ފުލުހުން ތުހުމަތުކޮށްފަ އެވެ.

މީހަކު ރަހީނުކޮށް ފައިސާތަކެއް ފޭރުނު މި މައްސަލަ ފުލުހުންނަށް ހުށަހެޅީ މިމަހުގެ ހަތަރު ވަނަ ދުވަހު އެވެ.

ރަހީނުކޮށް ފައިސާތަކެއް ފޭރުނު މައްސަލައެއްގެ ތުހުމަތުގައި އައްޔަ ހައްޔަރުކޮށްފައިވާއިރު އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ފޯޖަރީގެ މައްސަލައެއްގެ ތަހުގީގަށް އޭނާ ހޯދަން ފުލުހުން މިމަހުގެ 16 ވަނަ ދުވަހު އިއުލާނުކުރި އެވެ.