އައިލެންޑް އޭވިއޭޝަން

އާ އިންޓަނޭޝަނަލް އެއާލައިނެއް އުފައްދަނީ

މުޅިން އާ އިންޓަނޭޝަނަލް އެއާލައިނެއް އުފެއްދުމުގެ އެއްބަސްވުމުގައި މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން -- އެމްއެފްއެމްސީ އާއި އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް -- އައިއޭއެސްއެލް އިން ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އިކޮނޮމިކް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

އައިލެންޑް އޭވިއޭޝަނުން ބުނި ގޮތުގައި މި އެއްބަސްވުމާއެކު އުފައްދާ އެއާލައިންގައި ބޭނުންކުރާނީ ދިގު-ދަތުރުތަކަށް ހާއްސަ ވައިޑް-ބޮޑީ ފްލައިޓެވެ.

މި އެއްބަސްވުމާއެކު ރާއްޖޭގެ އިގުތިސާދަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަން އެ ކުންފުނިން ފާހަގަކުރެ އެވެ.

ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނުން ބުނި ގޮތުގައި އެ ކޯޕަރޭޝަނާއި އައިލެންޑް އޭވިއޭޝަން ގުޅިގެން އުފައްދާ އެއާލައިން ވެގެންދާނީ ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭ އަދި ރާއްޖޭގެ ރީތިކަމާއި މެހުމާންދާރީ ދައްކުވައިދޭނެ އެއާލައިނަކަށެވެ.

ފަތުރުވެރިންނަށް ހާއްސަކޮށް އެ އެއާލައިނުން ޗައިނާ، ޔޫރަޕް އަދި ރަޝިއާގެ އިތުރުން އިތުރު މަންޒިލްތަކަށް ދަތުރުކުރާނެ ކަމަށް އެމްއެފްއެމްސީން ބުނެ އެވެ.