އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބު މަކަރު ހެދުމަށާއި ހަމަނުޖެހުން ހިންގުމަށް ފުރުސަތު ނުދޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް އީސީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ ވޯޓުގެ ސިއްރުކަން ކަށަވަރުކޮށް އިންތިހާބުގެ ކަންކަން ފުރިހަމައަށް ކުރުމަށް ގާނޫނާއި ގަވާއިދުގެ އިމުގެ ތެރެއިން ކުރުމަށް ކޮމިޝަނަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށެވެ.
"ސިޔާސީ ގޮތުން ބައެއް ކަހަލަ ވާހަކަތައް އަޑުއިވުނު ނަމަވެސް ދިވެހި ރައްޔިތުންނަށް ކޮމިޝަންގެ ފަރާތުން ޔަގީންކަން އަރުވަނީ މި އިންތިހާބުގެ އެއްވެސް ހިސާބެއްގައި މަކަރެއް، ހަމަނުޖެހުމެއް ހެދުމުގެ އެއްވެސް ފުރުސަތެއް އަޅުގަނޑުމެން ނުދޭނެކަން،" އިސްމާއީލް ހަބީބު ވިދާޅުވި އެވެ.
އިސްމާއީލް ހަބީބު ވިދާޅުވީ ވޯޓުލާ މަރުކަޒަށް ވޯޓުލާން އަންނަ މީހާއަށް އެއްވެސް ނުފޫޒެއް ނުފޯރާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.
"ވޯޓުލާ މީހާ، ވޯޓުލާ މަރުކަޒަށް އައުމަށްފަހުގައި އޭނަގެ އަމިއްލަ އިހުތިޔާރުގައި ވޯޓު ކަރުދާސް ހިފައިގެން ގާނޫނާާއި ގަވާއިދުގެ އިމުގެ ތެރެއިން އޭނަ ކުރަންޖެހޭ ކަމެއް ކުރުމަށްފަހު އޭނަ ނިކުމެގެން ދިއުމާ ހަމައަށް އޭނަގެ މައްޗަށް އެއްވެސް ނުފޫޒެއް އެއްވެސް ފަރާތަކުން ނުފޯރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަޅުގަނޑުމެން ދެން،" އިސްމާއީލް ހަބީބު ވިދާޅުވި އެވެ.
ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެމުން އިސްމާއީލް ހަބީބު ވިދާލުވީ ވޯޓުލާން އަންނަ މީހާއަށް ވޯޓު ކަރުދާސް ދޫކުރާނީ ވޯޓު ކަރުދާހުގައި ތައްގަނޑެއް ޖެހުމަށްފަހު ކަމަށާއި ބޭރުން ގެންނަ ކަރުދާހެއް ވޯޓު ފޮއްޓަށް ވައްޓާލި ނަމަވެސް އެއީ ސައްހަ ކަރުދާހެއްގެ ގޮތުގައި ނުގުނޭނެ ކަމަށެވެ.