ދަނޑުވެރިންގެ އުފެއްދުންތަކުން އިތުރު ތަކެތި ތައްޔާރުކުރުމަށް ބޭނުންވާ ޕްލާންޓްތައް ގާއިމުކުރާނެ ކަމަށް ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި އއ. ތޮއްޑޫގައި ވަޑައިގެން ވާހަކަ ދައްކަވަމުން އިލްޔާސް ވިދާޅުވީ ދަނޑުވެރިކަމުގެ އުފެއްދުންތަކުން އިތުރު ތަކެތި ތައްޔާރުކޮށް ވިއްކުމުން ލިބޭ ފައިދާ ބޮޑު ކަމަށެވެ.
އެގޮތުން ދަނޑުވެރިކަމުގެ އުފެއްދުންތަކުން ޖޫސް ބަންދުކުރުން ފަދަ ކަންކަން ކުރުމުން އޭގެ އަގު ހަތަރު ގުނަ ނުވަތަ ފަސް ގުނަ އިތުރުވާ ކަމަށް އިލްޔާސް ވިދާޅުވި އެވެ.
ޑިމޮކްރެޓުންގެ ވެރިކަމެއްގައި ދަނޑުވެރިންނަށް އެ ފުރުސަތުތައް ފަހިކޮށްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ދަނޑުވެރިންގެ އުފެއްދުންތަކުން އިތުރު ތަކެތި އުފެއްދުމަށް ކުދި ފެކްޓްރީތަކާއި މެޝިން ބޭނުންވާކަން ފާހަގަކުރައްވާ އިލްޔާސް ވަނީ ތޮއްޑޫގައި އެފަދަ ޕްލާންޓެއް ގާއިމުކުރާނެ ކަމަށް ވިދާޅުވެފަ އެވެ.
ދަނޑުވެރި އުފެއްދުންތަކުން އިތުރު ތަކެތި އުފެއްދުމަށް ފުރުސަތު ފަހިކޮށްދޭނެ ކަމަށް އިލްޔާސް ވިދާޅުވެފައިވާއިރު ޑިމޮކްރެޓްސްގެ މެނިފެސްޓޯގައި ވަނީ ދަނޑުވެރިކަމުގެ ޕްރޮގްރާމްތަކެއް ހިންގުމަށް ހިމަނާފަ އެވެ.
އޭގެ ތެރޭގައި ނެޓްހައުސް އާއި ގްރީންހައުސް ފަދަ ތަންތަނުގެ ތެރޭގައި ކުރެވޭ ދަނޑުވެރިކަން ކުރުމަށް ބާރުއަޅައި އެކަންކަމަށް އިންވެސްޓްކުރުމަށް ބޭނުންވާ ފައިސާ އާއި ވަސީލަތްތައް ތަނަވަސްކޮށްދިނުމާއި ޒުވާން ދަނޑުވެރިން އުފެއްދުމަށް ޕްރޮގްރާމްތައް ހިންގުން ހިމެނެ އެވެ.